ފަންސާސް ބުރީގެ އިމާރާތެއް އިމާރާތްކުރުމަށްވުރެ ވެސް ގައުމު ދެކެ ލޯބިވާ ފަހުރުވެރި، ހުނަރުވެރި ޒުވާނުން ބިނާކުރުމަކީ މާ މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިވެހި ވަތަނީ ހިދުމަތް (ނޭޝަނަލް ސާވިސް ޕްރޮގްރާމް) އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތިން މަސްދުވަހުގެ މި ތަމްރީނު ނިމިގެންދާ އިރުގައި، ތަމްރީނުގައި ބައިވެރިވި ޒުވާނުން ވެގެންދާނީ އުންމީދުކުރާ ފަދަ ބަޔަކަށް ކަމަށެވެ.
މި ތަމްރީނުތަކަށްފަހު، މިހާރަށްވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ، އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާއެކީގައި ކުރިއަށްގެންދެވޭނެ ފަދަ ގޮތަކަށް އެމްޕަވާކުރެވިފައިވާ ޒުވާނުންތަކަކަށް ވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަގީގަތުގައި 50 ބުރީގެ އިމާރާތެއް އިމާރާތްކުރުމަށްވުރެ ވެސް ގައުމު ދެކެ ލޯބިވާ، އިސްލާމްދީން ދެކެ ލޯބިވާ ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ މިއަދު މި ފެށިގެންދަނީ ވަރަށް ތާރީހީ މަސައްކަތެއް. ގައުމު ބިނާކުރުމުގެ ވަރަށް މުހިންމު ސަފުހާއެއް މިއަދު މި ފެށިގެންދިޔައީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފެށިގެންދާ ތަމްރީނުތަކަކީ ވަރަށް މުހިންމު ތަމްރީނުތަކެއް ކަމަށާއި އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށެވެ. އަދި މި މަސައްކަތަކީ ޒުވާނުންނަށްޓަކައި ކުރެވިގެންދާ ކަމެއް ކަމުގައި ފުރިހަމައަށް ގަބޫލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ތިޔަ ކުދިންގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި، ތިޔަ ކުދިންގެ ހަޔާތް އުފާފާގަތި ގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި ލިބިގަންނަ ވަރަށް މުހިންމު ތަމްރީނުތަކެއްގެ ގޮތުގައި އަދި ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެއްގެ ގޮތުގައި ގަބޫލުކޮށް، އެ ގޮތް އެމްބްރޭސްކޮށް، އޯނާޝިޕް ނަންގަވައި، ކުރިއަށް ވަޑައިގަންނަވާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
މިއަދު ފެށި، ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތައުލީމު، ލީޑާޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އޭގެ އިތުރުން ފަސްޓް އެއިޑް، ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.
ޑިފެންސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން ތަމްރީނުގެ ފުރަތަމަ ބުރުގައި 343 ބައިވެރިން ތަމްރީނުތައް ފުރިހަމަކުރާނެއެވެ. އެއީ ރާއްޖޭގެ 107 ރަށަކުން، އުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުންނެވެ.
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ހިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެމުން ގެންދާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު