މާލެ ސަރަހައްދުގައި ހުންނަ އިމާރާތަކުގެ ބޮޑުމިން ފެންނަ ލޭންޑް ޑިޖިޓަލް އޮންލައިން ޕްލެޓްފޯމެއް މާލެ ސިޓީ ކައުންސިލުން ތައާރަފުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ޕޯޓަލް މެދުވެރިކޮށް މާލެ ސަރަހައްދުގައި ހުރި އިމާރާތްތަކުގެ ބިމުގެ ސައިޒުތައް ވަގުތުން ބަލައިލެވޭނެ ކަމަށެވެ.
"މިހާރު ރައްޔިތުންނަށް ބަލައިލެވޭނެ، ބިމުގެ ބޮޑުމިނާއި އޮންލައިންކޮށް ބަލައިލެވޭނެ. މިއަދު ލިންކެއްވެސް ހިއްސާކުރަމުންދާނަން މި އިންފޯމޭޝަންތައް ބެލޭ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މީގެ ކުރިން ކައުންސިލުގައި އެފަދަ ހުރިހާ ކަމެއް ކުރަމުންދިޔައީ ވަރަށް ބޮޑަށް މެނުއަލްކޮށް، ހުރިހާ އެއްޗެއްވެސް އެކްސެލް ޝީޓްތަކަކަށް ލައިގެން ކަމަށެވެ. އަދި ކުރިން އެކަންކަން ބަލަހައްޓަމުންދިޔައީ އެކި ފައިލްތަކުގައި އެކި އެއްޗެހި ބަހައްޓައިގެން ކަމަށް ވިދާޅުވިއެވެ.
"މިއަދު ހުރިހާ މައުލޫމާތެއްވެސް އެކަށްޗަކަށް އެޅިފައި ރައްޔިތަކު އެބޭފުޅެއްގެ ބިމުގެ ސައިޒު ބަލައިލަން ބޭނުންވާނަމަ ބަލައިލެވޭނެ ގޮތަށް މުޅި އެތި ބައްޓަންކުރެވި އެންމެ ޒަމާނީ ގޮތަށް އެކުލެވިފައިވާ ޗާޓެއް މިއީ،" މޭޔަރު ވިދާޅުވިއެވެ.
އެ ޗާޓުގެ ތެރެއިން މިހާރު މާލެ ސަރަހައްދުގައި ހުރި މިސްކިތްތަކާއި ހުސްބިންތަކާއި އެހެނިހެން އިމާރާތްތަކުގެ ބޮޑުމިންވެސް ބަލައިލެވޭނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ކުރިން ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ބިންތަކުގެ ސައިޒުތައް ދިމާނުވާ މައްސަލަ ފާހަގަވެފައިވާ ކަމަށާއި މިހާރު ޑިޖިޓަލް އޮންލައިން ޕްލެޓްފޯމުގެ ތެެރެއިން އެކަން ހައްލުކޮށްފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"މި ޑިޖިޓަލް ޕްލެޓްފޯމުގެ ތަސައްވުރަކީ ކޮންމެ ބޭފުޅެއްގެ ގޭގެ ބޮޑުމިން އެބޭފުޅަކު އަމިއްލައަށް ބަލައިލެވުން. މިވަގުތު ފެނިވަޑައިގަންނަވާނީ ބިމުގެ ލެވެލްގައި ހުރިގޮތް. އެއީ ގޭގެ ނަމާއި ސައިޒާއި ފެނިވަޑައިގަންނަވާނެ. އެހެންނަމަވެސް ކުރިއަށްއޮތް ތަނުގައި އީފާސް މެދުވެރިކޮށް އެގެއަށް ދޫކޮށްފައިވާ ހުރިހާ އެޕްރޫވަލްތަކެއް އަމިއްލައަށް ބަލައިލެވޭނެ،" އާޒިމް ވިދާޅުވިއެވެ.
މޭޔާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ހަ މަސްތެރޭގައި، އެ ގެޔަކަށް ހަދަން ދީފައިވާ އެޕްރޫވަލްތަކާއި އެގޭގައި ފިހާރައެއް ހުޅުވަން ދީފައިވާ ނަމަ އޭގެ އެޕްރޫވަލްއާއި ގަރާޖެއް ހުޅުވަން ދީފައިވާ ނަމަ އޭގެ އެޕްރޫވަލްތައްވެސް ފެންނާނެ ކަމަށެވެ. އަދި ކުރެހުމެއް ހުށަހަޅާފައިވާ ނަމަ އެކަމުގެ ތަފްސީލުތައްވެސް ކުރިއަށްއޮތްތަނުގައި ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ސީޓީ ކައުންސިލުގެ އޮފިޝަލަކު މިއަދު 'ވަން"އަށް ވިދާޅުވީ ލޭންޑް ޑިޖިޓަލް ޕްލެޓްފޯމުގައި މުޅި ޖުމުލަ 9067 އިމާރާތުގެ ބޮޑުމިނުގެ ތަފްސީލު ފެންނަން ހުންނާނެ ކަމަށާއި އޭގެ ތެރެއިން މީހުން ދިރިއުޅޭ 8378 ޕްލޮޓުގެ ތަފްސީލުތައްވެސް އޮންލައިންކޮށް ބަލައިލެވޭނެ ކަމަށެެެވެ.
ގެޔަކާ ނުވަތަ އިމާރާތަކާ ގުޅޭ އުނިކަމެއް ފާހަގަވާ ނަމަ، އެކަން ލަސްނުކޮށް އެންގުމަށް ސިޓީ ކައުންސިލުން އެދެއެވެ.
ފާތިމަތު ލިއުޝާ
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް