ޗައިނާގެ 76 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސް ޝީ ޖިންޕިންއަށާއި ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާގެ ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ރައީސް މުއިއްޒު، އެ ދެ ބޭފުޅުންނަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ޗައިނާގެ ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ގައުމު ހިއްސާކުރާ ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާއި އިސްތިގުލާލީ ހަމަހަމަކަމާއި ސަރަހައްދީ އިތުބާރު ދެމެހެއްޓުމާއި ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރައްވައިފައެވެ.

އަދި އެމަނިކުފާނު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުންތަކުގެ ސަބަބުން، ދެ ގައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ފުރިހަމަވެ، ވަރުގަދަވެގެން ހިނގައްޖެކަން ފާހަގަކުރައްވައި، އަދި މީގެ ސަބަބުން، މުސްތަގުބަލުގައި ދޭދޭ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ޗައިނާގެ ގައުމީ ދުވަހަކީ، އެގައުމުގެ ޒަމާންވީ ތަރައްގީގެ ދަތުރު ރަމްޒުކޮށްދޭ މުހިންމު ދުވަހެއްކަން ފާހަގަކުރައްވައި، ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.