ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއްގައި ނުގަވާއިދުން ކުޅުންތެރިޔަކު ކުޅުވި މައްސަލައިގައި ފީފާއިން ދެކުނު އެފްރިކާއަށް އަދަބު ދީފިއެވެ.
ފީފާއިން ބުނީ ދެކުނު އެފްރިކާއިން ލެސޯތޯއާ ދެކޮޅަށް ކުޅުނު މެޗުގައި ސަސްޕެންޝަންގައި ހުރި ޓެބޯހޯ މޮކޮއެނާ ކުޅުވާފައިވާ ކަމަށެވެ. ކޮލިފިކޭޝަން ގްރޫޕް ސީގައި އޭގެ ކުރިން ކުޅުނު ދެ މެޗެއްގައި މޮކޮއެނާއަށް ދެ ރީނދޫ ކާޑު ހަމަވެފައި އޮއްވައި، ލެސޯތޯއާ ދެކޮޅަށް ކުޅުވުމުން، އެކަމުގެ އަދަބެއްގެ ގޮތުން ފީފާއިން ނިންމާފައިވަނީ އެ މެޗުން ލެސޯތޯ 3-0 އިން މޮޅުވި ކަމަށެވެ. އެއީ ދެކުނު އެފްރިކާއިން މެޗު ދޫކޮށްލި ކަމަށް ބަލައިގެންނެވެ.
އޭގެ އިތުރުން 12،536.04 ޑޮލަރުން ދެކުނު އެފްރިކާ ޖޫރިމަނާ ކުރުމަށްވެސް ފީފާއިން ވަނީ ނިންމައިފައެވެ. ދެކުނު އެފްރިކާއަށް ފިޔަވަޅު އެޅި ނަމަވެސް ފީފާއިން މޮކޮއެނާއަށް ދިނީ އިންޒާރެކެވެ.
އެފްރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕްގެ އެއްވަނައިގައި ދެކުނު އެފްރިކާ އޮއްވައި، އެޓީމަށް މިހާރު ވަނީ އެ މަގާމު ގެއްލިފައެވެ. ބާކީ ދެ މެޗު އޮތް އިރު، މިވަގުތު އެއްވަނައިގައި އޮތީ ބެނިންނެވެ. ބެނިންނާއި ދެކުނު އެފްރިކާއަށްވެސް 14 ޕޮއިންޓް ލިބިފައިވާ އިރު، ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ.
އެ ގްރޫޕްގެ ފެވަރިޓެއްގެ ގޮތުގައި އޮތް ނައިޖީރިއާއަށް އަދި މިހާތަނަށް ތިން ޕޮއިންޓް ލިބުނު އިރު، ފުލުގައި އޮތީ ރުވާންޑާއެވެ.
އެފްރިކާގެ ކޮލިފިކޭޝަން ގްރޫޕް ސީގެ އެއްވަނައަށް ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭ އިރު، ދެވަނަ ޓީމަށް ޕްލޭ އޮފް ޖާގައެއް ލިބޭނެއެވެ.
ދެކުނު އެފްރިކާއަށް އަދަބު ދީފައިވަނީ މެޗު ކުޅުނުތާ ހަތް މަސް ފަހުން ކަމަށްވުމާއެކު، އެ މައްސަލައިގައި ނިންމުން ނިންމުމުގައި އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން