މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފިއުޗާ ފައިނޭންސް މަޒުމޫނު މުބާރާތުގަގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެމްއޭއިން މިއަދު ބުނީ ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ އެ މުބާރާތަކީ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

"މުބާރާތުގެ މައިގަނޑު މަގުސަދަކީ ޒުވާނުން، ވަކީން ހާއްސަކޮށް ކިޔަވާ ކުދީންގެ މެދުގައި މާލީ ދާއިރާއާ ދޭތެރޭ އިލްމީ ނަޒަރަކުން ވިސްނައި އަދި މާލީ މުސްތަގުބަލެއް ތަސައްވަރުކުރުމަށް ބާރުއެޅުން. ގްރޭޑް އަށަކުން 12 އަށް ކިޔަވާ ދަރިވަރުންނަށް ހުޅުވާލާފައިވާ އެ މުބާރާތް ބާއްވަން ނިންމާފައިވަނީ ދެ ގިންތިއަކަށް ބާހާލައިގެން." އެމްއެމްއޭއިން ބުންޏެވެ.

ޖޫނިއާ ގިންތީގައި ހިމެނޭނީ ގްރޭޑް އަށަކުން ދިހައެއްގެ ދަރިވަރުންނެވެ. ސީނިއާ ގިންތީގައި ހިމެނޭނީ ގްރޭޑް އެގާރަ އަދި ބާރައިގެ ދަރިވަރުންނެވެ. ހުރިހާ މަޒުމޫނެއް ވެސް ލިޔަން ޖެހެނީ އިނގިރޭސި ބަހުންނެވެ.

މުބާރާތުގެ ބައިވެރިން ލިޔާ މަޒުމޫނުތަކަކީ އެ ބައިވެރިއެއްގެ އަމިއްލަ ލިޔުމަކަށް ވާންވާނެ އެވެ. އެއީ ކުރީން ޝާއިއުކޮށްފައި ނުވާ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައި ނުވާ ލިޔުމަކަށް ވާން ޖެހެއެވެ.

ކޮންމެ ގިންތިއެއްގައިވެސް އެންމެ މޮޅު މަޒޫމޫނަށް 3,000 ރުފިޔާ، ދެވަނައަށް 2,000 ރުފިޔާ، ތިންވަނައަށް 1,000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި ކޮންމެ ގިންތިއަކުންވެސް ހާއްސަ މަޒުމޫނަކަށް 500 ރުފިޔާގެ އިނާމު ލިބޭނެކަމަށާއި އޭގެ އިތުރުން، ހޮވޭ ލިޔުންތައް އެމްއެމްއޭއިން ހިންގާ މާލީ ހޭލުންތެރިކަމުގެ ކެމްޕޭނުތަކުގައި ބޭނުންކުރާނެ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

އެ މަޒުމޫނުތައް ލިޔަން ވާނީ 700 އާއި 1,200 ލަފުޒުގެ ދެމެދުގައި، ޓައިމްސް ނިއު ރޯމަން ފޮންޓުގައި، އިނގިރޭސި ބަހުންނެވެ. އަދި ޕީޑީއެފް ފޯމެޓުގައި ހުށަހަޅަން ވާނީ ދަރިވަރުގެ މައުލޫމާތު ހިމެނޭ ކަވަރު ޕޭޖަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައެވެ.

މުބާރާތުގެ ބައިވެރިން މަޒުމޫނު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުގެ 23:59 އަށް [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.