މިއަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ، ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެނެސް ހުޅުވާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝަންގްރިއްލާ ބަންދުކޮށްފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުއެވެ. ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުން އައި ރިސޯޓެކެވެ.
މިނިސްޓަރު ތޯރިގު މިއަދު ވިދާޅުވީ، މި ރިސޯޓު ބަންދުކުރިއިރު 500 އަށްވުރެ ގިނަ މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންކަމަށެވެ. ނަމަވެސް އެތަން ބަންދު ކުރުމަށްފަހު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، އަލުން ރިސޯޓު ހުޅުވޭނެ ދުވަހަކަށް އައްޑޫގެ ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.
ޝަންގްރިއްލާ ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދަފުޅުކެވެ.
މިނިސްޓަރު ތޯރިގު މިއަދު ވިދާޅުވީ ޑިސެމްބަރ 31ގެ ކުރިން ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެ ކަމަށެވެ. ރިސޯޓް ހުޅުވުމަށްޓަކައި މިހާރު ކުރަމުންދަނީ އެ ތަން އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްކަމަށާއި، މުވައްޒަފުން ހޯދުން ފަދަ ކަންކަން މިއޮތް މުއްދަތުގެ ތެރޭގައި ކުރިއަށްދާނެކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޝަންގްރިއްލާ ބަންދުކޮށްފައި އޮތް މުއްދަތުގެ ތެރޭގައި އެތަން ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާކަން، އެތަނަށް ޒިޔާރަތް ކުރެއްވުމުން ފާހަގަ ކުރެއްވުނު ކަމަށެވެ.
ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި ދެ ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ.
އިބްރާހިމް ޒަކީ
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް