ސްޕެއިންގެ ފަސްވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ކޮލިންޑްރޭސްއަށް ކުޅެމުންދިޔަ އުމުރުން 19 އަހަރުގެ ގޯލްކީޕަރު، ރައުލް ރަމިއަރޭޒް މަރުވެއްޖެއެވެ.

ކްލަބު ނިސްބަތްވާ ކަންޓަބްރިއަން ފުޓްބޯލް ފެޑަރޭޝަނުން އިއްޔެ ބުނީ ހޮނިހިރު ދުވަހު ކޮލިންޑްރޭސްއިން ރެވީލާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަމިއަރޭޒްގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުއްލިއަކަށް މަރުވެފައިވާ ކަމަށެވެ.

އޭގެ އިތުުރުން ފެޑަރޭޝަނުން އާއްމުކުރި އިއުލާނުގައި ބުނީ ރަމިއަރޭޒްގެ ބޮލަށް މެޗު ތެރެއިން ލިބުނު އަނިޔާގެ ސަބަބުން ކުއްލިއަކަށް އޭނާގެ ހިތް ހުއްޓި، ކާޑިއެކް އެރެސްޓަކަށް ދިޔަ ކަމަށެވެ. އެ ވަގުތު އޭނާގެ ސިކުނޑިއަށް ލޭ ފޮނުވައިދިނުން ހުއްޓި، ސިކުނޑި މަރުވެފައިވާ ކަމަށްވެސް ކަންޓަބްރިއަން ފެޑަރޭޝަނުން ބުނެފައިވެއެވެ.

ކަންޓަބްރިއަން ފުޓްބޯލް ފެޑަރޭޝަނުން ބުނީ އެ ލީގުގައި މިހަފުތާގައި ކުޅޭ ހުރިހާ މެޗެއްގައިވެސް ހަމަހިމޭން ކަމުގެ ސުކޫތެއް ގެންނަން ނިންމާފައިވާ ކަމަށާއި، އާއިލާއަށް މިވަގުތު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށެވެ.