އިޓަލީ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ނަޕޯލީ ބަލިކޮށް، އޭސީ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިލާންގެ ސަން ސީރޯގައި ރޭ ކުޅުނު މެޗުގައި މިލާނުން ނަޕޯލީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިލާނުން މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ފަހުން ދެން ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ މޮޅުވެފައެވެ.

އަނެއްކޮޅުން ނަޕޯލީއަށް ރޭގެ ބައްޔަކީ މި ސީޒަނުގެ ލީގުގައި ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. މިހާތަނަށް ދެޓީމުންވެސް ފަސް މެޗު ކުޅެ، 12 ޕޮއިންޓް ހޯދާފައިވާ އިރު، ދެޓީމުގެ ފަރަގަކީ ފައިދާ އެއް ގޯލުގެ ތަފާތެވެ.

ރޭގެ މެޗުގެ ފެށުން މިލާނަށް ދިޔައީ ރަނގަޅަށެވެ. އެލެކްސިސް ސޭލްމޭކާސް އާއި ކްރިސްޓިއަން ޕުލިސިޗްގެ ގޯލުތަކުން މިލާން ވަރުގަދަ ފެށުމެއް ފަށާފައިވާ އިރު، ނަޕޯލީގެ ހަމަލާތައް މިލާންގެ ކީޕަރު މައިކް މައިގްނަން މަތަކުރިއެވެ.

އެގޮތުން ސްކޮޓް މެކްޓޮމިނޭއާއި މިގޭލް ގުޓިއެރޭޒް ފޮނުވާލި ހަމަލާތައްވެސް މައިކް މަތަކުރި އިރު، ދެވަނަ ހާފުގައި މެޗުގެ އޮއިވަރު ބަދަލުވީ ރަތް ކާޑަކުންނެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ޖިއޮވާނީ ޑި ލޮރެންޒޯ ގޯލަށް ޖަހަޖަހައި އޮއްވައި، ޕޭވިސް އެސްޓުޕީނަން ކުރި ފައުލަށް ރެފްރީ ރަތް ކާޑު ދެއްކުމުން މިލާންގެ ކުޅުންތެރިޔަކު މަދުވިއެވެ. އެހިސާބުން ނަޕޯލީން ނުރައްކާ ބޮޑުކުރަން ފެށިވެސް މެއެވެ.

ޕެނަލްޓީގައި ކެވިން ޑި ބްރޭނާ ނަޕޯލީއަށް ފަރަގު ކުޑަކޮށްދިން އިރު، އޭގެފަހުން ޑި ލޮރެންޒޯއާއި ބަދަލަކަށް ނުކުތް ޑޭވިޑް ނެރޭސްއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

ނަޕޯލީން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، މިލާނުން ވަނީ އެއްވަނައަށް އަރަން މެޗުގެ ނަތީޖާ ދަމަހައްޓައިފައެވެ.