އެނާޖީ ސޭލްސް އެންޑް ސާވިސަސްއަށް 366،812 ޑޮލަރު ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އެނާޖީ ސޭލްސް އެންޑް ސާވިސަސް އާއި ފެނަކަ އާ ދެމެދު 24 އޭޕްރީލް 2024 އާއި 30 ޖުލައި 2024 އާއި 30 ޖުލައި 2024 ގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެނާޖީ ސޭލްސް އެންޑް ސާވިސަސް އިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ އަގުގެ ތެރެއިން މިހާތަނަށް އަދާކޮށްފައި ނުވާ ކަމަށްބުނެ، 366،812 ޑޮލަރު ފެނަކައިގެ ކިބައިން ހޯދުމަށް އެދި އެ ފަރާތުން ކޮށްފައިވާ ދައުވާއެކެވެ.
ފެނަކައިން މި ފައިސާ ނުދީ ލަސްވުމުގެ ސަބަބުން ގެއްލިފައިވާ ފައިދާ ނުލިބި ވާތީ ފެނަކައިން ނުދީ ހުރި ފައިސާގެ ވިހި ޕަސެންޓް ފައިސާއަކީ ގެއްލުމުގެ ބަދަލުގެގޮތުން ފެނަކައިން ދައްކަން ޖެހޭ އެކަށީގެންވާ އަދަދެއްކަަމަށް ދެކޭތީ، އެއަށް ވާ 73،362 ޑޮލަރަކީ ފެނަކައިން ދައްކަން ޖެހޭ އެެއްޗެއްކަމަށާއި، މި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލުންނާ ވާހަކަ ދެކެވި ވަކީލުންގެ ފީގެ ހަރަދުގެ ގޮތުގައި 65،000 ޑޮލަރު ވަކީލުންގެ ގާނޫނީ ހަރަދަށް ޖެހިފައިވާ ކަމަށާއި އެ ފައިސާއަކީވެސް ފެނަކައިން ދޭން ޖެހޭ ފައިސާއެއްކަމަށް އެނާޖީ ސޭލްސް އެންޑް ސާވިސަސްއިން ބުނެފައިވެއެވެ.
އެހެންކަމުން އެނާޖީސޭލްސް އެންޑް ސާވިސަސްގެ ފަރާތުން އެދިފައިވަނީ ހުށަހަޅާފައިވާ އިންވޮއިސްތަކުގެ ނުލިބިވާ ފައިސާއަކީ ފެނަކައިން އެނާޖީ ސޭލްސް އެންޑް ސާވިސަސްއަށް ދައްކަން ޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި އެ ފައިސާ 10 ދުވަހުގެ ތެރޭގައި ދެއްކުމަށް ކަނޑައަޅައި އަމރުކޮށްދިނުމަށެވެ.
މި ދައުވާއަށް ޖަވާބުދެމުން ފެނަކައިން ބުނެފައިވަނީ އެއްބަސްވުންތަކާ އެއްގޮތަށް އެނާޖީސޭލްސް އެންޑް ސާވިސަސްއިން އަމަލުކޮށް އެފަރާތުގެ ޒިންމާ އަދާކޮށްފައި ނުވާތީ އާއި ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައާއި ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދަކީ ސައްހަ އަދަދަކަށް ނުވާތީ މި ދައުވާއަށް ފެނަކައިން އިންކާރު ކުރާ ކަމަށެވެ.
ނަމަވެސް މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ، ފެނަކަ އާއި އެނާޖީސޭލްސް އެންޑް ސާވިސަސް އާ ދެމެދު ވެފައިވާ ތިން އެއްބަސްވުމުގެ ދަށުން ފެނަކައަށް ފޯރުކޮށްދީފައިވާ ދައްކަން ޖެހޭ އަގުގެ ތެރެއިން މިހާތަނަށް އަދާކޮށްފައި ނުވާ 366،812 ޑޮލަރަކީ ފެނަކައިން އެނާޖީސޭލްސް އެންޑް ސާވިސަސް އަށް ދައްކަން ޖެހޭ ފައިސާއެއް ކަން ސާބިތުވާކަމަށެވެ.
އެހެންކަމުން އެ ފައިސާ އެނާޖީސޭލްސް އެންޑް ސާވިސަސްއަށް ލިބިދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސްކުރުމަށް ފެނަކައަށް އަންގާ ކަމަށެވެ.
އެނާޖީސޭލްސް އެންޑް ސާވިސަސްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަަމަށްވެސް ހުކުމްގައިވެއެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން