ބޮޑުތަކުރުފާނު މަގު ނޯތު ސައިޑް ރޯޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ސެގްމަންޓް އެކެެއްގެ ޕްރީ-ކާސްޓް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ގައެވެ.
އެމްޓީސީސީން ބުނީ އެ ބޮޑުތަކުރުފާނު ނޯތު ސައިޑް ރޯޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ މަސައްކަތުގެ ދަށުން ކުއޭ ވޯލް ކެޕިންގެ ބާކީ ހުރި ދިގުމިން އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ.
"އެ މަޝްރޫއު ނިމުމުން ހިނގާބިނގާވެ އުޅުމަށް މަގު ފަސޭހަވެގެންދާނެ. މަގުތައް ފުޅާކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަވެ، ބޯކޮށް ވާރޭ ވެހޭ ވަގުތުތަކުގައި ފެންބޮޑުވުން ކުޑަވެ، މަގުތައް ބޭނުން ކުރާ ކޮންމެ މީހަކަށް ރައްކާތެރި އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭނެ." އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން.
- 830 މީޓަރުގެ މަގުގައި ތާރު އެޅުން. (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް).
- ދުވާރުތައް ހެދުމާއި އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުން.
- ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
ފާތިމަތު ލިއުޝާ
ނޯތު ހާބަރު
ނޯތު ހާބަރު