ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް އުމުރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެެވެ.
ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގައި ހުކުމްކޮށްފައި ވަނީ ހ. ސެމޯއާ، އިސްމާއީލް ނައުފަލްގެ މައްޗަށެވެ.
ދެހާސްތޭވީސްވަނަ އަހަރުގެ 18 ޑިސެމްބަރުގައި ނައުފަލާއި އޭނާގެ އަނބިމީހާ މަރްޔަމް ސާޔާ އިބްރާހިމް ޝިހާބު، އެއާ އޭޝިޔާގެ ފްލައިޓުން މެލޭޝިޔާގެ ކުއާލަންޕޫރުން ރާއްޖެ އައިއިރު، އޭނާއަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިންޓެލިޖެންސް ސެކްޝަނުން އެލާޓް ކޮށްފައިވާ ފަރާތެކެވެ.
އެހެންކަމުން އިތުރަށް ބަަލައި ފާސްކުރުމަށް އެ ދެމަފިރިން ހުއްޓުވައި އެމީހުން ގެނައި ލަގެޖް ފާސްކުރުމުން ނައުފަލު ގެނައި އެއްފޮށީގެ ފުލުގައި އިން ޒިބު ހުޅުވައިގެން ބެލިއިރު ކާބަން ޕޭޕަރު އޮޅާފައި އޮތް ދެ ޕެކޭޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލު ކުރިއިރު އެއިން އެއް ޕެކޭޖުގައި މެޓަމްފެޓަމިން ރެސިކޭޓް ހުރިކަމަަށް ތަހުލީލުތަކުން ވަނީ ދައްކައިފައެވެ.
ނަމަވެސް ނައުފަލް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
އިބްތިދާއީ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާއަށް އިންކާރުކުރާ ކަމަށާއި، މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާއާ ގުޅުންހުރި ލަގެޖެއް ނޫން ކަމަށާއި އޭނާގެ ބެލުމުގެ ދަށުގައި ހުރިއެއްޗެއް ނޫން ކަަމަށް އޭނާ ބުނެފައިވެއެވެ. އެހެންކަމުން އެތަކެތީގެ ނޮލެޖެއް ނުވަތަ ނިޔަތެއް ނެތް ކަމަށާއި، ދައުވާގެ އަސްލަށް އިންކާރުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ކަސްޓަމްސް އިން އެކުލަވާލާފައިވާ ފޮޓޯ ރިޕޯޓަށް ބަލާއިރު އެ ރިޕޯޓުގައި ނައުފަލުގެ ބޯޑިންފާހައި ދައުވާގައި ބުނާ މަސްތުވާތަކެތި ފެނުނު ލަގެޖް އެއާލައިން ޓެގާ އެއްކޮށް ނަގާފައިވާ ފޮޓޯއިން ނައުފަލުގެ ބޯޑިންފާހުގައިވާ ބުކިން ނަމްބަރާއި ލަޖެޑް ޓެގްގައިވާ ނަމްބަރު ދިމާވެއެވެ. މީގެ އިތުރުން އެރައިވަލް ޓާމިނަލް ތެރެއިން ނަގާފައިވާ ސީސީޓީވީ ފުޓޭޖުން، މަސްތުވާތަކެތި ފެނު ނުލަގެޖް ޓްރޮލީއަކަށް އަރުވައިގެން އެއާޕޯޓްގެ އެރައިވަލް ޓާމިނަލުން ނައުފަލު ނުކުންނަން ދިޔަ މަންޒަރު ފެނެއެވެ.
އެ ރިޕޯޓާއި ހުށަހަޅާފައިވާ ހެކިތަކުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުން ނައުފަކު ކުށްވެރިވެއްޖެކަމަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން ނައުފަކު އުމުރަށް ޖަލަށް ލުމަށާއި، ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅައި، ޖޫރިމަނާގެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން އަންގައި ހުކުމްކުރިއެވެ. އަދި އެ މައްސަލައާ ގުޅިގެން ކުރީގައި ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ޖަލު ހުކުމުން ކެނޑުމުން، ނައުފަލު ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 23 އަހަރާއި ދެ މަހާއި 23 ދުވަސްކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު