ތ. ގުރައިދޫ އެއާޕޯޓުގެ މަސައްކަތް ނިންމައި، 2027 ވަނަ އަހަރުގެ ޖުލައި 26 އަށް އެއާޕޯޓު ހުޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގުރައިދޫގައި މިރޭ ބޭއްވި ޖަލްސާގައި އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގުރައިދޫގެ އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކައި މިހާރު ނިމިފައިވާ ކަމަށާއި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.
"މާނައަކީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 26، މިނިވަން ދުވަހު އިރާދަކުރެއްވިއްޔާ މި ރަށުގައި އެއާޕޯޓު ހުޅުވާނަން. މި އެއާޕޯޓަކީ ހަމަ ޔަގީނުން ވެސް މި ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ވަސީލަތެއް. ވަރަށް މުހިންމު އިގުތިސާދީ، އުމްރާނީ ވަސީލަތެއް. އޭގެ ސަބަބުން މި ރަށާއި މި ދާއިރާއަށް، މި ސަރަހައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރާއްޓެއް. އިރާދަކުރެއްވިއްޔާ މިއީ ތަރައްގީގެ ވަރަށް މުހިންމު ފެށުމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު ގުރައިދޫ ބަނދަރުގެ މަސައްކަތް ވެސް ފައްޓަވައިދެއްވާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން އަންނަ އަހަރު ގުރައިދޫގައި 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ގުރައިދޫ ހޮސްޕިޓަލުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު، ޑީކޮމްޕްރެޝަން ޗެމްބަރު މާދަމާ ހުޅިވިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު