މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ހަތަރު މަގާމަށް ވާދަކުރުމަށް ހުޅުވާލާފައިވާ އިރު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 09:00 އިން 16:00 އަށެވެ.
އީސީން ކުރި އިއުލާނުގައި ބުނީ، މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ 14:00 އާ ހަމައަށް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިހާބުކުރާ ހަތަރު މެންބަރުންގެ ތެރޭގައި ހިމެނޭނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
އީސީން އިއްޔެ ނެރުނު މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އިންތިހާބުކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވަނީ، އިންތިހާބުކުރާ ހަތަރު މެންބަރުންގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ކެންޑިޑޭޓުން ހޮވުމަަށް ވޯޓުލެވޭނީ ބްރޯޑްކާސްޓަރުންނަށް އެކަނި ކަމަށާއި އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލެވޭނީ ބްރޯޑްކާސްޓަރުން ފިޔަވައި އެހެން މީޑިއާތަކަށް ކަމަށެވެ.
އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް:
- ދިވެހި ރައްޔިތަކު ކަމުގައިވުން
- އުމުރުން 30 އަހަރު ވެފައިވުން
- ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހެއްކަމުގައިވުން
- މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން
- ގާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައި ނުވުން
އީސީން ބުނީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އެ ކޮމިޝަންގެ ޕޯޓް ކޮމްޕްލެކްސް ފަސްވަނަ ފަންގިފިލާއަށް ކަމަށާއި އެ ތަކެތި ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 09:00 ން 14:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ 15:00 އިން 17:00 އަށް ކަމަށް އީސީން ބުންޏެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ގުޅުންހުރި އެހެނިހެން ލިޔުންތައް އަދި އިންތިހާބުގެ މުހިންމު ތާރީހުތައް ހިމެނޭ ތާވަލު އެ ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބޭނެ ކަމަށް އީސީން ބުންޏެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ހިންގަނީ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަންކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފުން ހިމެނޭ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
ގާނޫނުގައިވާ ގޮތުން، ވަގުތީ މެންބަރުން އައްޔަން ކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވާލަން ޖެހޭނެއެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންނާއެކު، މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުން ވެސް އިންތިހާބުކުރަން ޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން