އަންނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ދެން 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕުގައި 64 ގައުމަކުން ބައިވެރިކުުރުމާމެދު ފީފާއިން މަޝްވަރާކޮށްފިއެވެ.

އަންނަ އަހަރު އެމެރިކާ، ކެނެޑާގެ އިތުރުން މެކްސިކޯގައި އޮންނަ ވޯލްޑް ކަޕުގައިވެސް 48 ގައުމަކުން ވާދަކުރާ އިރު، އެއީ އެ އަދަދަށް ގައުމުތަކާއެކު ބާއްވާ ފުރަތަމަ ވޯލްޑް ކަޕުވެސް މެއެވެ.

އަންނަ އަހަރަށްފަހު ދެން ވޯލްޑް ކަޕް އޮންނާނީ 2030 ވަނަ އަހަރުއެވެ. އެއީ ވޯލްޑް ކަޕް ބާއްވަން ފެށުނުތާ 100 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، އެކަން ފާހަގަކުރަން ފީފާއިން ދަނީ އެކިއެކި ކަންކަން ރާވަމުންނެވެ. އެގޮތުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް ބާއްވަން ރަސްމީކޮށް ކަނޑައަޅާފައިވާ ސްޕެއިން، މޮރޮކޯ އަދި ޕޯޗުގަލްގެ އިތުރުން، ޕެރަގުއާއީއާއި އުރުގުއާއީ އަދި އާޖެންޓީނާގައިވެސް މެޗުތައް ހޯސްޓް ކުރުމަށް ވަނީ ނިންމައިފައެވެ.

ދެކުނު އެމެރިކާ ގައުމުތަކުގެ ތެރެއިން ކޮންމެ ގައުމެއްގައިވެސް އެއް މެޗު ކުޅެން ހަމަޖައްސާފައިވާ އިރު، 2030 ވަނަ އަހަރު ވޯލްޑް ކަޕް ވެގެންދާނީ ހަ ގައުމެއްގައި ބޭއްވީ ފުރަތަމަ ވޯލްޑް ކަޕަށެވެ. އެއީ ތިން ބައްރެއްގެ ހަގައުމުގައެވެ.

ފީފާއިން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކަންތައްތައް ނިންމަމުންދާ އިރު، 64 ގައުމަށް ވޯލްޑް ކަޕް ބޮޑު ކުރުމަށް މަޝްވަރާ ކުރުމަށް އުރުގުއާއާއި ޕެރަގުއާއީގެ ވެރިންނާއެކު އެމެރިކާގައި ދާދިފަހުން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ އިސް ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ.

ހަބަރުތައް ބުނީ އެ ބައްދަލުވުމުގައި 64 ގައުމަކަށް ވޯލްޑް ކަޕުން ފުރުސަތު ދޭން ހުށަހެޅީ އުރުގުއާއީން ކަމަށެވެ. އެއީ އެންމެ ފުރަތަމަ 1930 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވި ގައުމެވެ.

އެ ހިޔާލާ އެއްކޮޅަށް އަދި ދެކޮޅަށްވެސް ވާހަކަތައް ދެކެވިފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެންމެ ބޮޑު ޝަކުވާއަކަށްވީ ވޯލްޑް ކަޕް 128 މެޗަށް އިތުރުވެގެންދާ ދިޔުމެވެ. ގައުމުތަކުގެ އިސްވެރިން ބުނީ އޭރުން ކުޅުންތެރިންނަށް އަނެއްކާވެސް ބުރަ ބޮޑުވާނެ ކަމަށެވެ.

ނޫސްތައް ބުނީ އެ ހިޔާލާ އެއްކޮޅަށް ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ފާހަގަކުރީ، ވޯލްޑް ކަޕަށް 100 އަހަރުން ފުރުން ފާހަގަކުރުމަށް ފުޓުބޯޅަ އެއްތަން ކުރަން ޖެހޭ ކަމަށާއި، ބައިވެރިވުން ބޮޑުވާން ޖެހޭ ކަމަށެވެ.

ވޯލްޑް ކަޕް، 64 ގައުމަކުން ވާދަކުރާ ގޮތަށް ހުށަހެޅުނު ހިޔާލަށް ފީފާއިން އަދި ރަސްމީކޮށް ވާހަކަ ނުދެއްކި ނަމަވެސް، އެ ވިސްނުން ގެންގުޅޭ ކަމަށް ނޫސްތައް ބުނެއެވެ. އަދި އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ހިޔާލު ހޯދަން ތައްޔާރުވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.