މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އިންތިހާބުކުރުމާ ބެހޭ ގަވާއިދު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓުކޮށްފިއެވެ.
އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭނީ އަލަށް އެކުލަވާލާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށެވެ.
އީސީގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ބްރޯޑްކާސްޓަރަކަށާއި މީޑިއާއަކަށްވެސް ލެވޭނީ އެންމެ ވޯޓެކެވެ. އަދި އެ ވޯޓުލުމަށް އައްޔަންކުރާ ފަރާތަށް ތަމްސީލުކުރެވޭނީ ވެސް އެއް ބްރޯޑްކާސްޓަރު ނުވަތަ މީޑިއާއެވެ.
ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުކުރަން ޖެހެނީ ޖުމުލަ ހަތަރު މެންބަރުންނެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
ގަވާއިދުގައި ބުނެފައިވަނީ، އިންތިހާބުކުރާ ހަތަރު މެންބަރުންގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ކެންޑިޑޭޓުން ހޮވުމަަށް ވޯޓުލެވޭނީ ބްރޯޑްކާސްޓަރުންނަށް އެކަނި ކަމަށާއި އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލެވޭނީ ބްރޯޑްކާސްޓަރުން ފިޔަވައި އެހެން މީޑިއާތަކަށް ކަމަށެވެ.
ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އީސީއަށް ހުށަހެޅުމަށް ދިހަ ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށާއި އަދި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުންތައް އީސީއަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން އެމީހަކަށް ލިޔުމުން އަންގަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ހިންގަނީ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަންކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފުން ހިމެނޭ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
ގާނޫނުގައިވާ ގޮތުން، ވަގުތީ މެންބަރުން އައްޔަން ކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވާލަން ޖެހޭނެއެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންނާއެކު، މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުން ވެސް އިންތިހާބުކުރަން ޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން