ތ. ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަނުގައި އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް އަމަލީގޮތުން ފެށިފައިވާ ކަމަށާއި މާދަމާ ރަސްމީކޮށް އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"މި އެއާޕޯޓަކީ 1800 މީޓަރު ދިގު ރަންވޭއެއް އެޅިގެންދާނެ އެއާޕޯޓެއް. އަދި މި އެއާޕޯޓުގެ އެންމެހާ މަސައްކަތްތަކެއް، ބިން ހިއްކުމާއި، ހިއްކާ ބިން ހިމާޔާތްކުރުމާއި، ރަންވޭ ހެދުމާއި ޓާމިނަލާއި، ޖުމުލަކޮށް ހުރިހާ މަސައްކަތެއް މާދަމާއިން ފެށިގެން މި ހުރިހާ ކަމެއް އެއްކޮށް ނިންމައި، އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، އެންމެ ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި މަސައްކަތް ނިންމައި މި އެއާޕޯޓު އިރާދަކުރެއްވިއްޔާ ހުޅުވާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ސަރުކާރުން ވަރަށް އިސްކަމެއްދޭ މަޝްރޫއެއް ކަމަށާއި އެ އެއާޕޯޓު އޮޕަރޭޓުކުރުމާއެކު ހުރިހާ މަސައްކަތެއް ކުރިއަށްގެންދާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން ކަމަށެވެ. އަދި އެއާޕޯޓުގެ އިތުރުން ވިލުފުށީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވެސް މާދަމާ ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި މަޝްރޫއު މާދަމާ ފެށިގެން ގޮސް، މި މަޝްރޫއުގެ މުއްދަތަކީ އެންމެ ގިނަވެގެން 18 މަސް ދުވަސް، ދޮޅު އަހަރު ދުވަސް. އެންމެ ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ވަރަށް ފުރިހަމަ، ވަރަށް ޒަމާނީ ހޮސްޕިޓަލެއް އެޅި، ތިބޭފުޅުންނަށް ނިންމައި ހަވާލުކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން ވެސް ވިލުފުށީގައި މިހާރު ހުރި ސިއްހީ މަރުކަޒުގެ ސިއްހީ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެގޮތުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއް ހޯދުމަށް އަންނަ މަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ.