ތ. މަޑިފުށީގައި އަންނަ އަހަރު 50 ހައުސިން ޔުނިޓުގެ މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މަޑިފުއްޓަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ގެދޮރުވެރިކަން ކަމަށެވެ.

ރައީސް ވިދާޅުވީ، ބަޖެޓުގައި ހިމަނައިގެން އަންނަ އަހަރު މަޑިފުށީގައި ހައުސިން މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށެވެ.

"50 ހައުސިން ޔުނިޓުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ 50 ހައުސިން ޔުނިޓު ހަދާނީ، ގޯތިތަކުގައި ނުވަތަ ކައުންސިލުން ހާއްސަކުރާ ވަކި ސަރަހައްދެއްގައި ކަމަށެވެ. އެކަން ނިންމާނީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން އަތޮޅުތެރޭގައި ހަދާ ހައުސިން ޔުނިޓުތަކަކީ އަގުހެޔޮ ހައުސިން ޔުނިޓުތަކެއް ކަމަށެވެ. އެގޮތުން 3333 ރުފިޔާއަށް ވުރެ އަތޮޅުތެރޭގެ ކުލި ބޮޑުނުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ދޫކުރާ ފަސް ޕަސަންޓު އިންޓަރެސްޓުގެ ލޯނުވެސް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށެވެ.