ސައިކަލްގެ ވެރިމީހާއަށް ނޭނގި އޭނާގެ ހުއްދައާ ނުލައި، ސައިކަލް ދުއްވި މީހެއްގެ މައްޗަށްކުރި "އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ" ސާބިތުވެ ދެއަހަރު ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކުރީ، ހއ. މޮޅަދޫ އާޒާދު އަހްމަދު އަބްދުﷲ އަށެވެ.

އޭނާގެ މައްޗަށް މި ދައުވާކުރީ، މި އަހަރުގެ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހު ކ. ކާށިދޫ ޝަބްނަމްގެ މަހްޒޫމް ސަލީމްގެ ސައިކަލު ގެއްލިފައި ވަނިކޮށް، އެރޭ މާލެ މ. ކުނޫޒު ކައިރިން އަހްމަދު އަބްދުﷲ މި ސައިކަލް ދުއްވާފައިދަނިކޮށް ފެނިގެންނެވެ.

އަހްމަދު އަބްދުﷲގެ މައްޗަށް މި ދައުވާކުރުމުން، ދައުވާއަށް އިންކާރުކޮށް، ޖަވާބުދާރީވަމުން އޭނާ ބުނެއިވަނީ އެ ސައިކަލަކީ އޭނާގެ ރަހްމަތްތެރިއަކު ހަވާލުކުރި ސައުކަލެއް ކަމަށެވެ. ނަމަވެސް ދިފާއުގައި ހެކި ހުށަހަޅަން ދިން ފުރުސަތުގައި އެއްވެސް ހެތްކެއް ހުށަހަޅާފައެއް ނުވެއެވެ. އަދި އެސައިކަލް ބޭނުންކުރަން އެއްވެސް އިރެއްގައި ދީފައިނުވާކަން ޝަރީއަތަށް ސާބިތުވެއެވެ.

އެހެންކަމުން "އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ" އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ދެ އަހަރު ދުވަހުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ކަނޑައަޅައި، އެ މައްސަލައާ ގުޅިގެން އޭނާ ބަނދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ޖަލުގައި ތަންފީޒު ކުރަންޖެހޭ މުއްދަތަކީ އެއް އަހަރާއި 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމެއްކަމަށް ވަނީ ކަނޑައަޅައިފިއެވެ.