ޗައިނީސް ޔުއާން އެކައުންޓް ރާއްޖޭގައި ތައާރަފް ކުރުމުން ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ކުރިއަރާނެ ކަމަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ކޮން ޝިއުންހުއާ ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޗައިނީސް ޔުއާން އެކައުންޓް ވަނީ ރާއްޖޭގައި ތައާރަފްކޮށްފައެވެ.
އެ ރަސްމިއްތާރުގައި ޝިއުންހުއާ ވިދާޅުވީ ބީއެމްއެލްގައި ޗައިނީޒް ޔުއާން އެކައުންޓް ހުޅުވުމުގެ ހިދުމަތްތައް ލިބޭ ގޮތް ހެދުމަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ އެފްޓީއޭ އަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ.
2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް ގުޅިގެން ކަރަންޓް އެކައުންޓް ޓްރާންސެކްޝަންތައް ސެޓްލްކޮށް ލޯކަލް ކަރަންސީތަކަށް އިންވެސްޓް ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންޝިޕްގައިވަނީ ސޮއިކޮށްފައެވެ.
މިކަމުގެ ސަބަބުން، ދިވެހި ފައިސާގެ ބޭނުންކުރުން ފުޅާކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެއެވެ.
މި އަހަރުގެ ޖެނުއަރީ މަހު ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓަށް ރަސްމީކޮށް އަމަލުކުރަން ފަށާފައިވާކަންވެސް ޝިއުންހުއާ ފާހަގަކުރެއްވި އެވެ. އަދި އެ އެކައުންޓް ތައާރަފް ކުރުމަކީ ލޯކަލް ކަރަންސީ ސެޓްލްމަންޓް އެގްރީމެންޓަށް އަމަލު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ޝިއުންހުއާ ވިދާޅުވިއެވެ.
"ލޯކަލް ކަރަންސީ ސެޓްލްމަންޓް ޕްރޮމޯޓް ކުރުމަކީ ރާއްޖޭގެ އިގްތިސާދީ ވިޔަފާރި ކުރިއެރުވުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. މިކަމުގެ ސަބަބުން އެކްސްޗޭންޖް ރޭޓް ފްލެކްޗުއޭޝަންގެ ރިސްކް ކުޑަވެ، ފޮރިން އެކްސްޗޭންޖްގެ ހަރަދު ކުޑަވެ، ކެޕިޓަލް އެފިޝަންސީ ރަނގަޅުވެގެންދާނެ. މިކަމުގެ ސަބަބުން ކްރޮސް-ބޯޑާ ޓްރާންސެކްޝަންތަކުގައި ވިޔަފާރިތަކަށް ފަސޭހަ އަދި ރައްކާތެރި މާލީ ބައިވެރިވުމެއް ލިބިގެން ދިއުމުގެ އިތުރުން، ކްރޮސް-ބޯޑާ ޓްރާންސެކްޝަންތަކުގައި ބައިވެރިވާ މާލީ ނިޒާމުގެ މިނިވަންކަމާއި ރެޒިލިއަންސް އިތުރުވެގެންދާނެ." ޗައިނާގެ އެންބެސެޑަރު ވިދާޅުވިއެެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އަންނަ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔުނިއަންޕޭ ކާޑުތައް ބީއެމްއެލް އިން ދޫކުރަން ފަށާނެ ކަމަށެވެ.
"އެ ކާޑު ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައި." އޭނާ ވިދާޅުވިއެވެ.
އެ ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވޯކްގައި ބޭނުންކުރެވޭނެ ކާޑެކެވެ. މިއީ ޗައިނާ އާއި ރާއްޖެއާ ދެމެދު މާލީ ގުޅުން އިތުރަށް ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް