މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.

ރާއްޖެ އިން ބޭރުން މިހާރު ޑެބިޓް ކާޑުން ކެނޑެނީ 500 ޑޮލަރެވެ.

ރައީސް މ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މުލީގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ، ނޮވެމްބަރު 11 އަކީ ބީއެމްއެލްގެ އަހަރީ ދުވަސްކަމަށާއި އެ ދުވަހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

"ހަމަ އެ ތާރީހުން ފެށިގެން ބޭސް ފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކްގައި އެދުމުން ޑެބިޑް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ބަދަލުތައް ގެންނަން ނިންމެވީ، އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޑޮލަރު ގަނެގެން ދިވެހިން އުޅެން ޖެހޭ "އަޅުވެތިކަމުން" އަރައިގަތުމަށް އަޅާ މުހިންމު ފިޔަަވަޅުތަކެއްގެ ގޮތުން ކަމަށެވެ.