އަންނަ ނޮވެމްބަރު 11 އިން ފެށިގެން ރާއްޖެއިން ބޭރުގައި ކުރާ ބޭސްފަރުވާއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ބީއެމްއެލްގެ އަހަރީ ދުވަހަކީ ނޮވެމްބަރު 11 ކަމަށާއި އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަސްވެސް ކަމަށެވެ.

އެ ދުވަހާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަކުރުމަށް ބީއެމްއެލްގެ ބައެއް ނިންމުންތައް ރައީސް ވަނީ މިރޭ އިއުލާނުކުރައްވާފައެވެ.

"ބޭންކުގެ މި އަހަރުގެ އަހަރީ ދުވަހުން ފެށިގެން ނޮވެންބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓު ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެ ތާރީހުން ފެށިގެން ބޭސް ފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކްގައި އެދުމުން ޑެބިޑް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ބްލެކް މާކެޓުން ޑޮލަރު ހޯދުމުގެ ކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް މިރޭ ވަނީ އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ ރުފިޔާ އޭޓީއެމް ބަހައްޓައި ނިމޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އިތުރު 40 ރަށެއްގައި އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ކުރިން ޑޮލަރު އޭޓީއެމް ބަހައްޓަން ބީއެމްއެލަށް އަންގާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އާބަން ސެންޓަރުތަކާއި ސިޓީތަކާއި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށެވެ.