މ. ނާލާފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

މ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނާލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ނާލާފުށީ ކައުންސިލުގެ ރައީސާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

22 ސެޕްޓެމްބަރު 2025، މ. ނާލާފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ބުނީ 546 މީހުންގެ އާބާދީއެއް ދިރިއުޅޭ ނާލާފުށީގެ ރައްޔިތުންނަށްޓަކައި ފެށިގެންދާ އެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ސިއްހީގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެ މަޝްރޫއު ނިމުމުން، އެ ރަށުގެ އައުޓްޑޯ ޖިމަކީ ހާމަތަނަކަށްވެފައި، އައުޓްޑޯ ޖިމް ބޭނުންކުރަން ޖެހިލުންވާ ފަރާތްތަކަށް ގާއިމުކުރެވިގެންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ބޭނުންކުރުމުގެ ފުރުސަތު ލިބި، ޒުވާނުން ކުޅިވަރު ކުޅުމަށާއި ހުސްވަގުތު ހޭދަކޮށްލާނެ ތަނެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި، މޭޝިނަރީ އަދި ކޮންކްރީޓް މަސައްކަތްކުރުމާއި، ފުރާޅު ހަރުކުރުމާއި، ދަވާދު ލުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. އެ މަޝްރޫއަކީ 4.61 މިލިއަން ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.