މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކ. ތިލަފުށީގައި ގާއިމުކުރި "އެމްޕްޓީ ކޮންޓޭނާ ޑީޕޯ" އެމްޕީއެލްގެ އޮޕަރޭޝަންސްތަކުގައި މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.

އެމްޕީއެލުން ބުނީ ޖުމުލަ 2400 ޓީއީޔޫގެ މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރިމަނަލްގެ އޮޕަރޭޝަންސްއަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އެމްޕީއެލުން ބަލަހައްޓަމުން އަންނަ އެ މަޝްރޫއު ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، ފުރަތަމަ މަރުހަލާގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ. އެ މަސައްކަތުގެ ދަށުން ތިލަފުށީގައި ގާއިމުކުރި "އެމްޕްޓީ ކޮންޓޭނާ ޑީޕޯ"ގައި 60 މީޓަރު ކުއޭ ވޯލެއް ތަރައްގީކޮށް، އެ ސަރަހައްދުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެޕްލީއެލުން ބުންޏެވެ.

22 ސެޕްޓެނަބަރު 2025: "އެމްޕްޓީ ކޮންޓޭނާ ޑީޕޯ" އެމްޕީއެލްގެ އޮޕަރޭޝަންސްތަކުގައި ބޭނުންކުރަން ފެށުން --- ފޮޓޯ/އެމްޕީއެލް

މިމަހުގެ ދެވަނަ ދުވަހު އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފައިވާގޮތުގައި ތިލަފުށި އިންޓަގްރޭޓެޑް ލޮޖިސްޓިކްސް ޓާމިނަލްގެ ފޭސް އެކެއްގެ މަސައްކަތް ވަނީ ނިންމައިފައެވެ.

އެމްޓީސީސީގެ މަސައްކަތަށްފަހު އެމްޕީއެލުން ތިލަފުށީގައި ވޯކްޝޮޕްތަކާއި އޮފީސް އިމާރާތްތަކާއި ލައިޓިން އިންފްރާސްޓްރަކްޗާ ބެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

އެމްޕީއެލުން ބުނީ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލް ތަރައްގީކުރަނީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ ޖާގައިގެ ދަތިކަމަށް ދިގު މުއްދަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އެ ޑިވެލޮޕްމަންޓް ޕްލޭންގައި ހިމެނެނީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމެވެ. އާ ބަނދަރު މުޅިން ހިންގަން ފެށުމުން މިހާރު ހުރި ހުޅުމާލޭ ބަނދަރު ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ނޯތު ހާބަރާއި ޓީ ޖެޓީ ފެސިލިޓީވެސް ތިލަފުއްޓަށް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލުން ބުނީ އެ ޓާމިނަލްގެ ދެ ފިޔަވަހި ނިމުމުން މިހާރު ހުރި ފެސިލިޓީތަކުގެ ތޮއްޖެހުން ކުޑަވެ، ކާގޯ ކްލިއަރެންސް އެފިޝިއެންސީ ރަނގަޅުވެ، މާލެ އާއި ހުޅުމާލެ ބަނދަރުގައި ޒަމާނުއްސުރެ ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެ މަސައްކަތަށްފަހު، އެ ޑީޕޯގައި އޮޕަރޭޝަންސްގައި ބޭނުންކުރެވޭ ފެންވަރަށް ގެންދިއުމަށް އެމްޕީއެލްގެ ޓީމުތަކުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.