މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ތަމްވީލް ފިންލިޓް ޗެލެންޖަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ހާއްސަކޮށް އިސްލާމީ ފައިނޭންސަށް ދިވެހިން ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި އެމްއެމްއޭއިން ބާއްވާ ކުއިޒް މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފަހު ދުވަހަކީ 30 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި މި މުބާރާތުގައި 10،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު އެބައޮތެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި 6 އޮންލައިން ބުރު ހިމެނޭނެއެވެ. މި ބުރުތަކުގައި 3 އާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުތަކަށް ލީޑާ ބޯޑެއްގައި ޕޮއިންޓް އެއްކުރެވޭނެއެވެ. އެންމެ މަތިން ޕޮއިންޓް ލިބޭ 5 ޓީމު ދެން ކުރިމަތިލާނީ ލައިވްކޮށް މީހުން ހާޒިރުވެގެން ބޭއްވޭ ފައިނަލް ބުރަށެވެ. މި ބުރުގައި ވާދަކޮށް އަގުހުރި ފައިސާގެ އިނާމުތައް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތުގެ ސުވާލުތައް އަމާޒުކުރެވިފައި ހުންނާނީ ބަޖެޓު ހެދުން، ޑިޖިޓަލް ހައްލުތައް ރައްކާތެރިކަމާއެކު ބޭނުންކުރުން، ދަރަންޏާއި ކްރެޑިޓް އަދި އިސްލާމީ ފައިނޭންސްގެ އުސޫލުތައް ފަދަ ދާއިރާތަކަށެވެ.

އެމްއެމްއޭއިން ބުނީ މުބާރާތުގައި ބައިވެރިވުމަށް، ޓީމުތަކުން އެޕްލިކޭޝަން ފޯމު މާދަމާ ރޭ 11:59 ގެ ކުރިން ހުށަހަޅަންވާނެ ކަމަށެވެ. ލީގު ބުރުތަކަށް ބޭނުންކުރާނެ އޮންލައިން ޕްލެޓްފޯމް ބަލަހައްޓާނީ އެމްއެމްއޭ އިންނެވެ.

މި ކުއިޒް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ދެވަނައަށް އަންނަ ޓީމަށް 7،000 ރުފިޔާ، އަދި ތިންވަނައަށް އަންނަ ޓީމަށް 5،000 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.