މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ނުނަގައި ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ 25 ތަނެއް ބަންދުކޮށްފިއެވެ.

މާލެ ސިޓީކަ އުންސިލުން މިއަދު ބުނީ އެ ކައުންސިލާއި އެމްއެފްޑީއޭ ގުޅިގެން މާލެ އާއި ވިލިމާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ އޮޕަރޭޝަނެއް އިއްޔެ ފެށި ކަމަށެވެ.

އެ އޮޕަރޭޝަނުގައި އިންސްޕެކްޓް ކުރަމުން ދަނީ، ސައި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ޓޭކްއަވޭ ތަންތަނުގެ އިތުރުން، ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނެވެ.

"މި އޮޕަރޭޝަންގެ ތެރެއިން އެމްއެފްޑީއޭ ގެ ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ހަދައި ހިދުމަތްދޭ ތަންތަނަށް ނޯޓިސް ދީ، ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މިހާތަނަށް މި އޮޕަރޭޝަންގައި 25 ތަނެއް ވަނީ ބަންދުކޮށްފައި،" ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭގެ ހަ ނެއިބާހުޑަކަށް ބަހާލައިގެން އެ އޮޕަރޭޝަން ކުރިއަށް ގެންދާ އިރު، ކޮންމެ ނެއިބާހުޑެއްގައި މާލެ ސިޓީ ކައުންސިލާއި އެމްއެފްޑީއޭގެ ޖޮއިންޓް ޓީމެއް ދަނީ ހަރަކާތްތެރި ވަމުން ކަމަށާއި އަދި މާލޭގައި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކޮށް ނިންމުމުން ވިލިމާލޭގައި ހުރި ތަންތަން އިންސްޕެކްޓު ކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ އޮޕަރޭޝަން ކުރިޔަށް ގެންދަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށާއި އަދި އެ އޮޕަރޭޝަނުގައި ބަލަންޖެހޭ ގިނަ ތަންތަން ހުރުމާއެކު، މި މުއްދަތު އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.