ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިންސަށް ހިދުމަތް ދޭން ފަށައިފިއެވެ.

އެމްއޭސީއެލުން ބުނީ، އެއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިން ކަމަށެވެ. އަދި އެއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފަސްވަނަ އެއާލައިން ކަމަށްވެސް ބުންޏެވެ.

ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާއެވެ.

ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒު މަންސޫރާއި އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަކީ ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޯސްޓް އެއާލައިނެކެވެ.

ޓާމިނަލް 1 އިން މިހާރު އަންނަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން, ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން, އެއާ އަރަބިއާ, ލަގްޒަރީ އެއާލައިން, ބިއޯންޑް, ސްރީ ލަންކާގެ ލޯ-ކޯސްޓް އެއާލައިން, ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ. އަދި މި ހަފުތާގެ ތެރޭގައި އިތުރު ދެ އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.