ފ. ބިލެތްދޫ މަގު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ފ. ބިލެތްދޫ މަގުހެދުމުގެ މަޝްރޫއު ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބިލެތްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 91.2 މިލިއަން ރުފިޔާއަށް 720 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

ބިލެތްދޫ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.

1300 މީހުންގެ އާބާދީއެއް އޮންނަ ބިލެތްދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާންމުގޮތެއްގައި ކޮށްއުޅެނީ ފާނަމަސްވެރިކަމެވެ. ބިލެތްދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި މަގުތަކުގައި ޗަކަ ހެދި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަކާ ކުރިމަތިވެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ޒަމާނީ ރަނގަޅު ފެންވަރުގެ މަގުތަކެއް ބިލެތްދޫ ރައްޔިތުންނަށް ބޭނުންކުރުމަށް ލިބިގެންދާނެ ކަމަށެވެ.