ގދ. ތިނަދޫގެ ނަމާ އެއްގޮތްވާތީ ވ. ތިނަދޫ މީހުން ރަށުގެ ނަން ބަދަލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސް މުއިއްޒު، ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ތިނަދޫއަށް ވަޑައިގެންވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. ރައީސްވަނީ އެ ބައްދަލުވުމުގައި ރަށުގެ ކަންކަމުގައި ހުރި ކަންބޮޑުވުންތާ ގުޅިގެން ސީދާ އެ މަނިކުފާނަށާއި މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާ ސުވާލުކުރުމުގެ ފުރުސަތު ދީފައެވެ.

އެފުރުސަތުގައި ވާހަކަދެއްކި އަބްދުލް އަޒީ ވަނީ އެ ރަށުގެ ނަން އެހެން ނަމަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އެގޮތަށް އެދެން ޖެހުނީ ގދ. ތިނަދޫއާއި ވ. ތިނަދޫއާ ވަރަށް ގިނަ މީހުންނާ އޮޅުން އަރާތީކަމަށް އަޒީ ބުންޏެވެ. ބައެއް ފަހަރު ގދ. ތިނަދޫކަމަށް ހީކޮށް ޓޫރިސްޓުންވެސް ވ. ތިނަދޫއަށް އަންނަކަަމަށް އަޒީ ބުންޏެވެ.

"ހަވަރު ތިނަދޫ ގެސްޓުން އައިސް އެބަ ފައިބާ މި ރަށަށް. ޑަބްލިޔުޑަބްލިޔު ޑޮޓް ޖެހީމަ އެތާ ފޮޓޯ އާއި މި ތަނުގެ ފޮޓޯއާ ހުރިހާ އެއްޗެއް އެއްކޮށް މި އަންނަނީ. އެހެންވެ އެ މީހުން އައިސް އަމިއްލަ އަށް މި ފައިބަނީ،" އަޒީ ބުންޏެވެ.

"އަޅުގަނޑުގެ ނަޒަރުގައި ތިނަދޫ ކިޔަނީ މި ރަށަށް. ގދ. މީހުން ވެސް ނުކިޔާ ތިނަދޫއެއް، ތެނަދު ކިޔާނީ. ދެން މާލޭ ބޭފުޅުން އެ ރަށަށް ވެސް ތިނަދޫ ކިޔައިގެން މި އުޅެނީ. އެ ރަށު މީހެއް ކައިރީ ކޮން ރަށެއްތޯ އަހާލިޔަން ބުނާނީ ތެނަދުއޭ."

19 ސެޕްޓެމްބަރު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތިނަދޫއަށް ވަޑައިގެން އެ ރަށު މީހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

އެހެންވެ ވ. ތިނަދޫ މީހުން ބޭނުންވަނީ ހަމައެކަނި އެ ރަށަށް ތިނަދޫ ކިޔުމަށްކަމަށް އަޒީ ބުންޏެވެ. އެއް ނަމެއް ކިޔާ ދެ ރަށެއް އޮތުމަކީ ސަރުކާރުން ހައްލުކޮށްދޭން ޖެހޭ މައްސަލައަކަށްވިޔަސް އެކަމާ ސަރުކާރުން އަޅާނުލާކަމަށް އަޒީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ވ. ތިނަދޫގެ އާބާދީގައި ރަށުގައި ދިރިއުޅެމުންނުދާ މީހުންވެސް ހިމަނާފައިވާ ކަމަށެވެ.

"މި ރަށު އާބާދީގައި 1،000 މީހުން އެބަތިބި. އެކަމަކު ރަށުގަ ދިރިއުޅެނީ 250 އެއްހާ މީހުން. އެހެންވެ ސިއްހީ ހިދުމަތް ދޭން 40 މީހުންނަށް ހިދުމަތް ދިނުމަށް ޖަހާފައި އިންނަ ގޮޅީގައި މި އިންނަނީ 1،000 މީހުން ޖަހާފައި،" އަޒީ ބުންޏެވެ.

އަޒީގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ އެކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.