ރައީސް ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅު ފުލިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފިއެވެ.

ރައީސް، ފުލިދޫގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ އެ މަނިކުފާނު މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުލިދުއަށް މިއަދު ވަޑަައިގެން، އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފުގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ފުލިދޫ ކައުންސިލް މެންބަރުން ބައިވެރިވަވަޑައިގެންނެވިއެވެ.

ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.

19 ސެޕްޓެމްބަރު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅު ފުލިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ފަަށްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ރަށު ކައުންސިލާއި ހަވާލުކޮށްދެއްވަނީ ---- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓްރީގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ބީއެމްއެލްއިން ކުރިއަށް ގެންދާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.