ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރި މީހުންގެ ތެރެއިން ގއ. ވިލިނގިލި، ޝަހީބް އިބްރާހީމް (47އ) ހޯދަމުންދަނިކޮށް، އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.

ޝަހީބު ކޯޓަށް ހާޒިރުނުވެ ކޯޓަށް ހާޒިރުވެފައިނުވާތީ ކްރިމިނަލް ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާ ހޯދަން އިއުލާންކޮށްފައެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔަ ޝަހީބު މިރޭ އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝަހީބު އަމިއްލައަށް ފުލުހަށް ހާޒިރުވެފައި މިވަނީ، އޭނާ ފިލުމަށް އެހީތެރިވެފައިވާކަމުގެ ތުހުމަތުގެ އޭނާގެ އަންހެނުން ހައްޔަރުކޮށްފައިވަނިކޮށެވެ.

ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް އެކަމާ ގުޅޭ ދައުވާ އުފުލާފައިވަނީ ޝަހީބުގެ އިތުރުން ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހުމަދު މޫސާގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެ އެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.

މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ޝަހީބު ބަންދުގައި ހުއްޓައި، ބަންދު މުރާޖާކުރުމަށް އޭނާގެ ފަރާތުން އެދުމުން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ދޫކޮށްލަން ގާޒީ ވަނީ ނިންމަވައިފައެވެ. ގާޒީ އެގޮތަށް ނިންމެވީ އެ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް މިންވަރުން އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާވާނެ ކަމަށް ބެލެވެން ނެތުމާއި ބާކީ ތިބި ހެކިންނަކީ އޭނާގެ ދައުވާތަކާ ގުޅޭ ހެކީންނަށް ނުވުމުން ހެއްކަށް ނުފޫޒެއް ފޯރުވޭނެ ތަނެއްވެސް ނެތުމުންނެވެ.

ބޭސްފަރުވާއަށް އޭގެ ކުރިން ވެސް ޝަހީބު ދޫކޮށްލިއެވެ. ނަމަވެސް، އެ އަމުރު އިސްތިއުނާފު ކުރުމުން އަމުރު ބާތިލުކުރުމުން އަނެއްކާ ހައްޔަރުކުރީއެވެ.