ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް މިލިއަން ގަސް އިންދުމުގެ ވައުދުގެ ދަށުން، މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑު "ފެހި މަންޒަރު" އިފްތިތާހުކޮށްފިއެވެ.

މިއަދު 15:30 ގައި އެޗްޑީސީ މައި އޮފީސް ސަރަހައްދުގައި ބޭއްވި އެ ރަސްމިއްޔާތުގައި، ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަތީފް، އެޗްޑީސީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު އަހުމަދު އިބްރާހިމް، ފަސް މިލިއަން ގަސް މަޝްރޫއު ކޮމިޓީ މެންބަރުން، އަދި އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ވަނީ އެއް މިލިއަން ގަސް އިންދަން ވައުދުވެފައެވެ. މިއަދު އިފްތިތާހު ކުރި ފެހި މަންޒަރަކީ، އެޗްޑީސީން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑެކެވެ.

އެޗްޑީސީން ބުނީ ފެހި މަންޒަރުން ހާމަވަނީ، ތިމާވެށި ހިމާޔަތް ކުރުމަށް އެ ކުންފުނިން ކުރާ ބުރަ މަސައްކަތް ކަމަށާއި އަދި އޭގެ އިތުރުން ރައީސްގެ ފަސް މިލިއަން ގަސް އިންދުމުގެ ވައުދު ފުރިހަމަކުރުމަށް އެ ކުންފުނިން ކުރަމުންދާ ހިތްވަރު ކަމަށެވެ.

އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެ ކުންފުނިން ވެފައިވާ އެއް މިލިއަން ގަސް އިންދުމުގެ ވައުދަށް ވާސިލުވުމަށް އެ ކުންފުނިން އިންދަމުންދާ ގަސްތަކުގެ އަދަދު ރައްޔިތުންނަށް ދައްކާލުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ވައުދުގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެޗްޑީސީން ވަނީ މިހާތަނަށް 105,000 ގަސް އިންދައިފައެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އުންމީދަކީ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި އެއް މިލިއަން ގަސް އިންދުމާ ހަމައަށް ވާސިލުވުން ކަމަށާއި އެކަމަށް އެ ކުންފުނީގެ އިސްވެރިންނާއި، ދިވެހި ރައްޔިތުންނާއި، މުވައްސަސާތަކުން ދޭ އެބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

އެޗްޑީސީގެ ވައުދުގެ ދަށުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ގަސް އިންދުމަކީ އެ ކުންފުނީގެ އުންމީދެކެވެ. އޭގެ އިތުރުން ތިމާވެށި ހިމާޔަތްކޮށް ރާއްޖެއަކީ ފެހި ހިތްފަސޭހަ ގައުމަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.