އަބުރު ރައްކާތެރިކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ލިބިގެންދާ ހައްގެއްކަން ކަނޑައެޅުއްވީ މާތްﷲ ކަމަށާއި އެހެންކަމުން އެއީ ބަހުސްކުރަން ޖެހޭވަރުގެ ކަމެއްވެސް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޓްކުރުމަށް އުފައްދާފައިވާ މީޑިއާ ކޮމިޝަން ބިލު އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިރު، އެ ބިިލުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭކަމަށް ބުނެ ނޫސްވެރިން މުޒާހަރާކުރާތާ ވަނީ ދުވަސްތަކެއްވެފައެވެ. އެތައް ނޫސްވެރިންނެއް ސޮއިކޮށް އެ ބިލު ބޭރުކުރަން ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހެޅިއެވެ. ނަމަވެސް މަޖިލީހުން އެ ޕެޓިޝަން ބޭރުކޮށްލިއެވެ.

މީޑިއާ ކޮމިޝަން ބިލާ ގުޅޭގޮތުން ރައްޔިތުންގެ ޕޮޑްކާސްޓުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ހިތަށް އެރިހާ އެއްޗެއް އަނެކާއަށް ވެދާނެ ގެއްލުމަކަށް ބެލުމެއް ނެތި ލިޔުމަކީ އިންސާނަކަށްވީތީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ، އިސްލާމްދީނުގައި އޮންނަނީ އަބުރު ރައްކާތެރިކުރަން ކަމަށާއި އިސްލާމްދީން ފޮނުއްވި މައިގަނޑު ފަސްކަމުގެ ތެރެއިން އެއް ކަމަކީ އަބުރު ރައްކާތެރިކުރުން ކަމަށެވެ.

"އެހެންވީމާ ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ، އިއްޒަތެއް ލިބިގެންވާ އަބުރެއް ލިބިގެންވާ ފަރާތެއްކަން އަޅުގަނޑެއް ނޫން ކަނޑައެޅީކީ، ޝަކީބެއް ނޫން ކަނޑައެޅީކީ، މަތިން ﷲ ސުބްހާނަހޫ ވަތައާލާ ކަނޑައެޅުއްވީ. އެހެންވީމާ އެ އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެވެސް ހައްގެއް އަދި އަނެކާގެ ޒިންމާއެއް. އެހެންވީމާ އެކަން އަޅުގަނޑުމެން އެކަކުވެސް ނުޖެހޭ ކޮންމެހެން އެއީ ބަހުސްވެސް ކުރަން ޖެހޭ ކަމެއް ނޫން އަމުދުން ރާއްޖެ ފަދަ 100 ޕަސަންޓު އިސްލާމީ ގައުމެއްގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކުމަށާއި ކޮންމެ އެއްޗެއްވެސް ލިޔުމަށާއި އަދި ކޮންމެ ކަހަލަ ކޮންޓެންޓެއް ކްރިއޭޓް ކުރުމަށް ފުރުސަތު އޮންނާނެ ކަމަށެވެ

ރައީސް އިތުރަށް ވިދާޅުވީ، ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފެތުރުން އެއީ ރާއްޖޭގެ ރައްޔިތުން ބޭނުންވާކަމެއް ނޫން ކަމަށެވެ.