އަތޮޅުތައް އުވާލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅުތަކަކީ ޖިއޮގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތް ކަމަށާއި އެއަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމަކީ، ލާމަރުކަޒީ ނިޒާމަށް ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއް ކަމަށާއި އަތޮޅު ކައުންސިލްތަކަކީ މާނަކުރި އިދާރާއެއް ނޫން ކަމަށެވެ.

"މީގެ ތެރެއަށް އިތުރުވާ އެއް ބޮޅު އެއީ އަތޮޅު ކައުންސިލްތައް ނުބޭއްވުމަކީ، އަތޮޅު ކައުންސިލްތަކަކީ އެއްވެސް ވަރަކަށް ލާމަރުކަޒީ ނިޒާމަށް ފުރިހަމަކަން ގެނެސްދޭ އެއްޗެއް ނޫން، އެއްގޮތަކަށްވެސް އަތޮޅު އުވައެއް ނުލެވޭނެ. އެއީ ޖިއޮގްރަފީ ގޮތުން އުފެދިފައި އޮތް ގޮތް. އަތޮޅު އުވައެއް ނުލާނެ. އެހެން ނަމަވެސް އަތޮޅު ކައުންސިލޭ މި ކިޔާ އިދާރާއަކީ، ރައްޔިތުންނަށް މާނަހުރި އިދާރާއެއް ނޫން، މިދިޔަ ދުވަސްތަކުގައި އެކަން ފެނިފައިވާނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލި ނަމަވެސް އަތޮޅު ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލްތަކާއި އަތޮޅު ސްކޫލުތައް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ސީދާ ސަރުކާރާ މުއާމަލާތް ކުރެވޭނެ އާ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނަކީ ލާމަރުކަޒީ ނިޒާމުގެ އަމަލީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެ ނިޒާމު ވަރަށް ރަނގަޅަށް އެނގިވަޑައިގެންނަވާ ބޭފުޅެއް ކަމަށްވާތީ، އެ ނިޒާމު ޗެމްޕިއަންކުރުމަށް ރިފޯމްތައް ގެންނަވާނެ ކަމަށެެވެ.