ފާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަން ޕާސްޕޯޓް ކާޑަކީ ދިވެހީންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކޮމްޕެކްޓް ޓްރެވަލް ޑޮކިއުމަންޓެކެވެ.

މިއީ ކާޑު ހޯލްޑަރުންނަށް އީ-ގޭޓްގެ ހިދުމަތް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހިދުމަތެކެވެ. މި ކާޑުގައި ޕާސްޕޯޓް އޮންނަ ފަރާތާ ގުޅޭ މައުލޫމާތު ހިމަނާފައިވެ އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ ހިދުމަތް މެދުކަނޑާލަން ޖެހުނީ ސިސްޓަމް އަޕްގްރޭޑް ކުރުމަށް މި ވަގުތު މަސައްކަތްތަކެއް ކުރިޔަޑްގެންދާތީ ކަމަށެވެ.

އެކަަމާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އިމްގްރޭޝަނުން މައާފަށް އެދެއެވެ.

ރާއްޖޭގައި ޕާސްޕޯޓް ކާޑު ތައާރަފުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައެވެ.

ޕާސްޕޯޓް ކާޑަކީ ރައްކާތެރިކަމާއި، ކޮލިޓީއާއި، ދެމެހެއްޓެނިވި ގޮތެއްގައި އަދި އިތުބާރުކުރެވޭ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާޑެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ދިގު މުއްދަތަކަށް ޑިޒައިންކޮށްފައިވާ މި ކާރު ފަރުމާކޮށްފައިވަނީ އެޑްވާންސް ފިޒިކަލް އަދި އިލެކްޓްރޯނިކް ސެކިއުރިޓީ އެޓްރިބިއުޓްތައް އެކުލެވިގެންވާ ގޮތަށެވެ. ޕޮލިކާބޮނޭޓް މެޓީރިއަލްސް ބޭނުންކޮށްގެން އުފައްދާފައިވާ މި ޕާސްޕޯޓް ކާޑަކީ ފުރިހަމަ ސެކިއުރިޓީ އަދި ކޮލިޓީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ކާޑެކެވެ.

މީގެ އިތުރުން ޕާސްޕޯޓް ކާޑުގައި އިލެކްޓްރޯނިކް ޗިޕް މޮޑިއުލެއް ހަރުކޮށްފައި ހުންނައިރު، އެ މޮޑިއުލްގައި ކާޑު ގެންގުޅޭ ފަރާތުގެ ޒާތީ އަދި ބަޔޯމެޓްރިކް މައުލޫމާތާއި، ތަޅުދަނޑިއާއި، ސެޓްފިކެޓްތަކާއި، ތަފާތު އީ-ސާވިސަސް އަދި އެޕްލިކޭޝަންތަކަށް ވަނުމަށް ބޭނުންވާ އެހެނިހެން ޑޭޓާ ރައްކާ ކުރެވޭނެ އެވެ.

އެ ޕާސްޕޯޓް ކާޑު ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭއިރު އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑުން ލިބެ އެވެ.

އީ ސާވިސް ބޭނުންކުރާ ބޭރުގެ ކޮންމެ ގައުމެއްގައި ޕާސްޕޯޓު ކާޑު ބޭނުންކުރެވުނަސް ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޕާސްޕޯޓު ވެސް ހިފައިގެން ދިއުމަށް އިމިގްރޭޝަނުން އެދިފައިވެ އެވެ.