ސިއްހީ ހިދުމަތްދޭ ތަންތަނާއި ހުއްދަ ދީފައިވާ ހިދުމަތްތައް އެއްތަނަކުން ފެންނާނެ ލައިސަންސިން ސޮފްޓްވެއާ، ހެލްތު އެސްޓެބްލިޝް މެނޭޖްމަންޓް ސިސްޓަމް (ހެމްސް) އިފްތިތާހުކޮށްފި އެެވެ.

މި ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ.

ހެމްސްގެ މަގުސަދަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްހީ ހިދުމަތްތަކުގެ މައުލޫމާތު އޮންލައިންކޮށް ފޯރުކޮށްދިނުމެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ އެ ހިދުމަތަކީ އެ މިންސްޓްރީގެ އެޑްމިނިސްޓްރޭޝަނުން އަމާޒު ހިފަފައިވާ ޑިޖިޓަލް މޯލްޑިވްސް 2.0 ސިޔާސަތު ތަންފީޒު ކުރުމަށް ސިއްހީ ދާއިރާގައި ކުރާންހުރި ކަންތައްތަކުގެ ތެރެއިން އެއްކަންތައް ކަމަށެވެ.

"މި ޕްލެޓްޕޯމްގެ ޒަރީއާއިން ދިވެހިރާއްޖޭގައި ހިދުމަތްދޭ މަރުކަޒުތަކުގެ ރަޖިސްޓްރީ، އޮޕަރޭޓިން ލައިސަންސް އަދި ހެލްތް ޕްރޮފެޝަނަލްސްގެ ލިސްޓް ޑިޖިޓަލައިޒް ވެގެންދާނެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޝާއިއު ކޮށްފައިވާ 2024 ވަނަ އަހަރުގެ ދުނިޔޭގެ ޕޭޝަންޓް ސޭފްޓީ ރިޕޯޓުގައި ރައްކާތެރި ނޫން ފަރުވާއަކީ ސިއްހީ ހިދުމަތުގެ އެންމެ ބޮޑު މައްސަލަކަމުގައި ފާހަކޮށްފައިވޭ. އަދި ރައްކާތެރި މިންގަނޑަށް ނުފެތޭ ފަރުވާގެ 12 އިންސައްތަ ފަރުވާއިން ދާއިމީ ނުކުޅެދުންތެރިކަން ނުވަތަ ފުރާނަ ގެއްލުން ކުރިމަތިކުރުވާ." ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ރައްކާތެރިނޫން ފަރުވާގެ ސަބަބުން އަހަރަކު ތިން މިލިއަން މީހުންގެ ފުރާނަ ގެއްލޭއިރު މީގެ ދެބައިކުޅަ އެއްބަޔަކީ ރައްކާތެރި ކުރެވިދާނެ ކަންކަން ކަމުގައިވެސް ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށެވެ. އަދި ކޮންމެ އަހަރަކު 134 މިލިއަން "އެޑްވާރސް އިވެންޓް"' ލޯ އަދި މިޑްލް އިންކަމް ކަންޓްރީސް ގައި ހިނގާ ކަމަށާއި އެފަދަ އެޑްވާސް އިވެންޓްސްގެ ސަބަބުން އަހަރަކު 2.6 މިލިއަން މީހުން މަރުވާކަން ރިޕޯޓުން ދައްކާކަމަށެވެ.

"ގައުމުތަކުން ބޭސްފަރުވާގެ އާލާތްތައް ބޭނުންކުރުމާ ބެހޭ ގާނޫނުތައް ހަދައި، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމުގެ މިންގަނޑުތައް ތަންފީޒުކުރުން. ސިއްހީ ހިދުމަތްދޭ ތަންތަން ލައިސަންސް ކުރުން މެންޑޭޓް ކުރުމަކީ ވެސް ރައްކާތެރިކަން ޔަގީން ކުރުމަށް ގައުމުތަކުން ގެންގުޅޭ މުހިންމު ސްޓްރެޓެޖީއެއް. އެހެންކަމުން މިއަދު އިފްތިތާހު ކުރެވިގެންދިޔަ ލައިސަންސިން ސޮފްޓްވެއާ އަކީ ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމުގައި ދެކެން." ނާޒިމް ވިދާޅުވިއެވެ.

އެ ޖަލްސާގައި ބައިނަލްއަގުވާމީ ސިއްހީ ޖަމިއްޔާއެއްކަމަށްވާ ޖޮއިންޓް ކޮމިޝަން އިންޓަނޭޝަނަލް ޖޭސީއައިގެ ޕޭޝަންޓް ސޭފްޓީ ޕާތްވޭގައި ރާއްޖޭގެ 3 ހޮސްޕިޓަލެއްގައި ގާއިމުކުރުމަށް އިއުލާނުކޮށްފައިވެއެވެ. އެއީ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް އަދި އައްއްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ

އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑަށް، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރާކަން ދެނެގަތުމުގެ ނިޒާމެކެވެ.