ޔޫރަޕް ފުޓުބޯޅައިން އިޒްރޭލް ބޭރުކުރުމަށް ގޮވާލައި، ނިއު ޔޯކްގެ ޓައިމްސް ސްކޮޔާގައި ބޮޑު މެސެޖެއް ދިއްލާލައިފިއެވެ.
އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، އެ ގައުމު ކުޅިވަރުތަކުން ބޭރުކޮށް، ފުޓުބޯޅައިންވެސް ބޭރުކުރުމަށް ގިނަ ބަޔަކު ގޮވަމުންދާ އިރު، މިފަހަރު އެކަމަށް ގޮވާލާފައި ވަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބޮޑެތި ޖަމިއްޔާތަކެއް އެކުވެގެންނެވެ.
އެކަމުގައި ލީޑްކޮށް ހަރަކާތްތެރިވެފައި ވަނީ އެމެރިކަން-އަރަބް އެންޓި-ޑިސްކްރިމިނޭޝަން ކޮމިޓީ (އޭޑީސީ) އިންނެވެ.
އިޒްރޭލް ފުޓުބޯޅައިން ބޭރުކޮށްދިނުމަށް އެދި ފަލަސްތީނުން މީގެ ކުރިން ފީފާގައިވެސް ވަކާލާތު ކޮށްފައިވާ އިރު، އެކަމަށް އަދިވެސް ފީފާއިން އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.
އަންނަ އަހަރު ފީފާ ވޯލްޑް ކަޕް އެމެރިކާގެ އިތުރުން ކެނެޑާއާއި މެކްސިކޯ ގުޅިގެން ހޯސްޓް ކުރުމަށް ނިންމާފައިވާ އިރު، ނިއު ޔޯކުގައި 8 މެޗެއް ކުޅެވޭނެއެވެ. އޭގެ ތެރޭގައި ފައިނަލްވެސް ހިމެނެ އެވެ.
އެމެރިކާއަށް ފުޓުބޯޅައިގެ ސަމާލުކަން ބޮޑުވެފައި އޮއްވާ އޭޑީސީން ޓައިމްސް ސްކޮޔާގައި ދިއްލާލި މެސެޖު އަމާޒުކޮށްފައި ވަނީ ޔޫރަޕްގެ ފުޓުބޯޅަ އިދާރާތަކަށެވެ. އެ މެސެޖުގައި ގޮވާލީ އިޒްރޭލުގެ މައްޗަށް ކުޅިވަރު އިސްކުރުމަށެވެ. ހާއްސަކޮށް ފުޓުބޯޅަ، އިޒްރޭލުގެ މައްޗަށް ކުރި ހޯދުމަށެވެ.
އޭސީޑީން ބެލްޖިއަމް، އިންގްލެންޑްގެ އިތުރުން ފްރާންސް، ގްރީސް، އަޔަލޭންޑް، އިޓަލީ، ނޯވޭ، ސްކޮޓްލޭންޑް އަދި ސްޕެއިންގެ ފުޓުބޯޅަ އިދާރާތަކަށް ގޮވާލާފައި ވަނީ އިޒްރޭލަށް ނިސްބަތްވާ ކުޅުންތެރިން ލީގުތަކުގައި ނުކުޅެވޭ ގޮތް ހެދުމަށެވެ.
އޭސީޑީގެ ޑިރެކްޓަރު އާބިދު އައްޔޫބު ވިދާޅުވީ އެމެރިކާއިން ވޯލްޑް ކަޕަށް ތައްޔާރުވާ އިރު، އެ މުބާރާތަކީ އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ފޮރުވައި، އެގައުމުން ހިންގަމުންދާ ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ މުބާރާތަކަށް ހެދިގެން ނުވާނެ ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިފަހުން އޮކްޓޯބަރު 2023 އިން ފެށިގެން މިއަދާ ހަމައަށްވެސް ފަލަސްތީނުގެ 662 އެތުލީޓެއް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ.
އޭގެ ތެރެއިން 321 ޝަހީދުން ނިސްބަތްވަނީ ފުޓުބޯޅަ އާއިލާއަށް ކަމަށްވެސް ނޫސްތައް ބުނެއެވެ.
އެ އަދަދުތައް ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، އިޒްރޭލަށް އަދިވެސް ކުޅިވަރުގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މުޙައްމަދު ޝަމްޢޫން
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު