ރައީސް މުހައްމަދު މުއިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަމަށް މއ. ސިގްމާ، މުހައްމަދު މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މ. ފަލްކަންގެ، މުހައްމަދު ނާސިހު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އެ ދެބޭފުން މަގާމަށް އައްޔަންކުރައްވާފައިވަނީ ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.

ސީއެސްސީގެ ރައީސްކަމުގެ މަގާމަށް މުޖުތާޒް އަދި ނައިބު ރައީސްކަމުގެ މަގާމަށް ނާސިހު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ.

އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަށްޓަކައި، ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ ޖަލްސާގައި އިއްވައި، އެ މައްސަލަ ދިރާސާކުރަން ފޮނުވުމުން އެ ބޭފުޅުންނަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުން ދީފައިވަނީ ވެސް އިއްޔެއެވެ.