މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު އިސްލާހުކުރުމުގައި ދިވެހި ސަރުކާރުން ނޫސްވެރިންގެ އަޑު އަހައިފި ކަމަށާއި އެކަމަށް ދެބަސްވެވެން ނޯންނާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ގިނަ އިސްލާހުތަކަކާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފާސްކޮށްފައެވެ. ކޮމިޓީން އެ ބިލު ފާސްކޮށްފައިވަނީ، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އަދިވެސް ހައްލު ނުލިބޭ ކަމަށްބުނެ، ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި ނޫސްވެރިން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.
މީޑިއާ ބިލާ ގުޅޭ މައުލޫމާތުދިނުމަށް މީރުމާގައި ރޭ ބޭއްވި "ނޫސްވެރިންގެ ފޯރަމް"ގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ އެ ބިލު ހުށަހެޅުމާ ގުޅިގެން ނޫސްވެރިން ދިޔައީ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކޮށް، ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އިސްލާހުތައް ހުށަހަޅަމުން ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ދިވެހި ސަރުކާރުން، މިއަދުގެ ސަރުކާރުން ނޫސްވެރިންގެ އަޑު އަހައިފިއޭ. ނޫސްވެރިން ބޭނުންވި، ނޫސްވެރިން ފާޅުކުރި ޝުއޫރުތަކާ އެކީގައި، އެ ހިޔާލުތަކާއި އެ މަޝްވަރާތަކާ އެކީގައި އެޓާނީ ޖެނެރަލް ބިލަށް އިސްލާހުތަކެއް ހުށަހެޅި، އެ އިސްލާހުތަކާ އެކީގައި ފާސްވެގެން އެ ދިޔައީ. އެހެންވީމާ ސަރުކާރުން ނޫސްވެރިންގެ އަޑު އަހައިފި. މިއަކަށް ދެބަހެއް ނުވެވޭނެ،" ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ގާނޫނު ވުޖޫދުވި އިރު، އޭރު އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އެ ޒަމާނުގައި އެއްޗެއް ލިޔެލާ އިރަށް ފުރަތަމަ ވެސް ފުލުހަށް ގެންދިއުން ކަމަށެވެ. ނަމަވެސް އެމްއެމްސީގެ ގާނޫނު އައި ފަހުން ސީދާ ފުލުހަށް ގެންދިއުމުގެ ބަދަލުގައި މައްސަލަ ބެލުމަށް މަތިކޮށްފައި އޮންނަނީ އެމްއެމްސީއަށް ކަމަށް ހަލީލު ވިދާޅުވިއެވެ.
"ހަމަ މި ބިލުން އުފެދޭ ގާނޫނުން ވެސް ފުލުހަކަށް ނުގެންދާނެ. ހަމަ މި އުފެދޭ ކޮމިޝަންގެ ތެރެއިން މީޑިއާގެ މައްސަލަތައް ބެލި، އެކި ސްޓޭޖުތައް އޮންނާނީ. މީޑިއާ ކައުންސިލުގެ ގާނޫނުން ފުލުހަށް ދިވެހި ނޫސްވެރިޔާ ވަގުތުން ނުގެންދާނެކަމުގެ ކަށަވަރުކަން އޮންނަ ފަދައިން، މި އުފެދޭ ގާނޫނުގައި ހުރި މާއްދާތަކުން ވެސް ހަމަ އެކަން އެގޮތަށް ދެމިގެންދާނެކަން އަޅުގަނޑަށް ޔަގީން،" ހަލީލު ވިދާޅުވިއެވެ.
ހަލީލު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން ދިވެހި ނޫސްވެރިންގެ އަޑު އަހައިފިކަން އެއީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ޚަލީލް
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ޚަލީލް
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ޚަލީލް