އިޒްރޭލުން ގަތަރަށް ދިން ހަމަލާއަކީ އަރަބި އަދި މުޅި އިސްލާމީ އުއްމަތަށް ދިން ހަމަލާއެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ދޯހާގައި ބޭއްވި ކުއްލި އެރަބި-އިސްލާމީ ސަމިޓުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ މި ހަމަލާއަކީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށެވެ. ގައްޒާގައި ސުލްހަ ގާއިމުކުރުމަށް މަސައްކަތްކުރާ މައިގަނޑު މެދުވެރިއެއްގެ ގޮތުގައި ގަތަރު އޮތުމުން އެކަމަށް އަދަބު ދިނުމުގެ ބަދަލުގައި އެކަން ބަލައިގަންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދޯހާއަށް ހަމަލާދީގެން، އިޒްރޭލުން މަސައްކަތްކުރަނީ ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއަޅައި، ސަރަހައްދު ހަމަނުޖެހުމަކަށް ގެންދިއުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މި އަނިޔާވެރިކަން ސިފަކުރެއްވީ، ފަލަސްތީނުގެ ބިންތައް އޮކިއުޕައިކުރުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވުމާއި، އާންމު ރައްޔިތުންނާއި، ޑޮކްޓަރުންނާއި، ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދިނުން ފަދަ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކުގެ ފުރިހަމަ ނަމޫނާއެއްގެ ގޮތުގައެވެ. އިޒްރޭލު ޖަވާބުދާރީކުރުވުމުން ސަލާމަތްކުރުމަށް ގެންގުޅޭ ޑަބަލްސްޓޭންޑާޑް ސިޔާސަތު ކުށްވެރިކުރައްވައި، ބައިނަލްއަގުވާމީ ގާނޫނު ހުރިހާ ގައުމުތަކަށްވެސް ހަމަހަމައަށް ތަންފީޒުކުރަންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިސްލާމީ އުއްމަތުގެ އެއްވެސް ގައުމަކުން އެކަނި އަނިޔާވެރިކަމާ ކުރިމަތިލާން ނުޖެހޭނެ ކަމަށާއި ދިވެހި ރައްޔިތުން ގަތަރުގެ ސަރުކާރާއި ރައްޔިތުންނާއެކު އެއްބައިވަންތަކަމުގައި ތިބިކަން ތަކުރާރުކުރެއްވިއެވެ.
އޭގެ އިތުރުން ހަނގުރާމައިގެ ކުށްތަކަށް އިޒްރޭލުގެ ވެރިން ޖަވާބުދާރީކުރުވުމަށް ސިޔާސީ، އިގުތިސޯދީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތައް އެޅުމަށް ރައީސްގެ ވާހަކައިގައި ގޮވާލެއްވިއެވެ. އަދި ގައްޒާއާއި ވެސްޓް ބޭންކަށް ވަގުތުން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ގޮވާލެއްވިއެވެ.
ރައީސް ވިދާޅުވީ ހަމައެކަނި ބުނެލާ ބަހަކުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވައި، ހަލާކުވެފައިވާ ދިރިއުޅުންތައް އަލުން ބިނާނުކުރެވޭނެ ކަމަށެވެ.
ރައީސް ވަނީ ރާއްޖޭން އިންސާނީ ކަރާމާތާއި އިންސާފާއި، އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާއެކު ދިރިއުޅުމަށް ފުރުސަތު ދިނުމަށް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް ތަކުރާރުކުރައްވައިފައެވެ.
ރައީސް ޑރ. މުއިއްޒު މިހާރު ވަޑައިގެން އުޅުއްވަނީ، ސެޕްޓެމްބަރު 9 ގައި އިޒްރޭލުން ދޯހާއަށް ދިން ހަމަލާއާ ގުޅިގެން ބާއްވާ ކުއްލި އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ގަތަރުގައެވެ. މި ސަމިޓުގައި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ވެރިން އެއްވެ، އިޒްރޭލުގެ ދެމިގެންދާ އަނިޔާވެރިކަން ހުއްޓުވައި، ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން އަނބުރާ ގެނައުމަށް ހަރުދަނާ ބައިނަލްއަގުވާމީ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލައްވައިފައެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު