އިޒްރޭލާ ދެކޮޅަށް އަރަބި އަދި އިސްލާމީ ގައުމުތަކުން ސަމިޓަކަށް ބައްދަލުވާން ފަށައިފިއެވެ.

އިޒްރޭލުންން ގަތަރަށް ދިން ހަމަލާއާ ގުޅިގެން އެކަމުގައި އިޒްރޭލާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާ މެދު މަޝްވަރާ ކުރުމަށް ގަތަރުން އިސްނަގައިގެން އެގައުމުގައި ބާއްވާ ސަމިޓު ވަނީ ފަށައިފައެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ފަށާފައިވާ އެސަމިޓުގައި އަރަބި ލީގުގެ ގައުމުތަކާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިއްޔެ ފަށާފައިވާ އިރު ގައުމުތަކުގެ އިސްވެރިން ވަނީ އެބައްދަލުވުމަށް ގަތަރަށް ވަޑައިގެންފައެވެެ.

ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުލްރަހްމާން އަލް ތާނީ މީގެ ކުރިން ވަނީ ބައިނަލްއަގުވާމީ ގައުމުތަކުން ގުޅިގެން އިޒްރޭލާ ދެކޮޅަށް އެގައުމުން ހިންގަމުންގެންދާ ކުށްތަކުގެ ސަބަބުން ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެެވެ.

އިޒްރޭލުން މިދިޔަ ހަފުތާގައި ގަތަރަށް ހަމަލާ ދިން މައްސަލައިގައި އަރަބި އަދި މުސްލިމް ގައުމުތަކާ އެކު ގަތަރުން ފެށި ބޭއްވި ކުއްލި ސަމިޓުގައި ވާހަކަދައްކަމުން ބޮޑުވަޒީރު ވިދާޅުވީ އެންމެން ގުޅިގެން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ވަގުތު ޖެހިފައިވާ ކަމަށެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވީ އިޒްރޭލުން ކުރާ ކަމަކުން، ގަތަރުން ގާޒާގެ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިޔަކަށް ވެގެން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

އިޒްރޭލުން މިދިޔަ ހަފުތާގައި ވަނީ ގަތަރުގެ އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ހޮޓަލަކަށް ހަމަލާ ދީ ބަޔަކު މަރާލައިފައެވެ. އެހަމަލާ ދީފައިވަނީ ގަތަރުގައި ތިބި ހަމާސްގެ އިސް އޮފިޝަލުންނަށް އަމާޒުކޮށެވެ. ނަމަވެސް އެހަމަލާއިން އެ މީހުން ވަނީ ސަލާމަތްވެފައެވެ.