ގަތަރުގެ ދައުލަތުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އާލް ސާނީއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، އިޒްރޭލުން މިފަހުން ގަތަރަށް ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރާއްޖޭން ގަތަރުގެ ސަރުކާރާއި ރައްޔިތުންނާއެކު އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ބާއްވާނެކަން އަލުން ކަށަވަރުކޮށްދެއްވިއެވެ.
އަދި އެ ހަމަލާ ކުށްވެރިކުރައްވައި، ސަރަހައްދީ ސުލްހަ އަމާންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ފުރިހަމަ ތާއީދު ކުރެއްވިއެވެ.
ރައީސް ވަނީ ކުއްލި އަރަބި-އިސްލާމިކް ސަމިޓް ބޭއްވުމުގައި ގަތަރުގެ ލީޑާޝިޕް ފާހަގަކުރައްވައި، ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މެދުވެރިކަން ކުރުމުގައި ދެމިހުރިކަން ފާހަގަކުރައްވައިފައެވެ.
އެކި ދާއިރާތަކުގައި ދެފަރާތުގެ މަސްލަހަތު ހިމެނޭ ގޮތަށް ގުޅުން ވަރުގަދަކުކުރުމާ ގުޅޭގޮތުން ދެ ލީޑަރުން ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ގިނަ ދާއިރާތަކުން ރާއްޖެއަށް ގަތަރުން ދެމުންގެންދާ އެހީތެރިކަމަށްޓަކައި އަމީރަށް ވަނީ ޝުކުރު ދަންނަވައިފައެވެ.
އެ ބައްދަލުވުން ނިންމާލަމުން، ދެ ލީޑަރުން ވަނީ ރާއްޖެ-ގަތަރު ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތްކޮށް މުސްލިމް އުއްމަތުގެ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. ބައިނަލްއަގުވާމީ ގާނޫނު ދެމެހެއްޓުމަށާއި، ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގަށް ތާއީދުކޮށް އިންސާފުވެރި އަދި ސުލްހަވެރި ދެ ދައުލަތުގެ ހައްލަކަށް މަސައްކަތްކުރުމުގެ އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު