މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)އިން ކުޅުދުއްފުށި ސިޓީގައި ޔަމަހާ ސެންޓަރެއް ގާއިމުކުރުމަށް، އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާނެވެ. އެލިއާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ އެ ކުންފުނީގެ ރެވެނިއު އިތުރުކުރަން ކުރަން ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށާއި މިހާރުވެސް ޔަމަހާ އިންޖީނު ނުވަތަ އެހެންވެސް ބްރޭންޑުތަކުގެ އިންޖީނުތައް އަޅައިގެން ދުއްވާ އުޅަނދު ފަހަރުތައް އެ ކުންފުނީގައި އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ޕައިލެޓް ބޯޓުތައް، ކޯޕްރޭޓު ބޯޓުތައް އެލްސީޓީ، މި ހުރިހާ އެއްޗެއްސަކީވެސް މެރިން ކްރާފްޓަށްވާތީ މި އެމްއޯޔޫ ތެރެއިން ކުޅުދުއްފުށީގައި ގާއިމްކުރާ ޑޮކްޔާޑާ އެއްކޮށް މިހާރުވެސް މިވަނީ ޑޮކްޔާޑެއް އުފައްދައިގެން މަސައްކަތްތަކެއް ކުރެވިފައި ތިލަފުށީގައި. އަދި ފުޅާކުރަން ބޭނުންވަނީ އުތުރުގައި ހެދޭ ޑޮކްޔާޑުގެ ތެރޭގައި މިބައިވެސް ހިމަނަން. މި ވިޔަފާރީގެ ތެރެއިން ރެވެނިއު އިތުރުކުރުމަށްޓަކައި،" ރިޝްވާން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި "ވަން"އަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ޗީފް ޑޮކް އޮފިސަރު އަހުމަދު އިނާން ވިދާޅުވީ ކުޅުއްދުށީގައި ޑޮކްޔާޑު ގާއިމުކުރުމުގެ ތެރެއިން ފުރަތަމަ ފަށަނީ އެލިއާއާ އެއްކޮށް ކަމަށެވެ.

"އެލިއާއާ އެއްކޮށް ދާންޖެހުނު ސަބަބަކީ ހއ، ހދ، ށ ގައި އެންމެ ގިނައިން ބޭނުންކުރަމުންދާ އައުޓްބޯޓު އިންޖީނަކީ ޔަމަހާ، އެ ސަރަހައްދުގައި އެންމެ އާންމުކޮށް ބޭނުންކުރާ އިންޖޫނުގެ ހިދުމަތް މި ފަށައިގަންނަނީ ހިދުމަތްދޭން، އެއީ ޑޮކްޔާޑުން. ޑޮކްޔާޑުގައި އުޅަނދުތައް އެހެލައި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާނެ. ދެން އެންމެ އަވަހަށް ފޯކަސް ކުރަނީ ހުވަދު އަތޮޅު (ހއ. ހދ.)ގެ ސަރަހައްދަށް،" ޗީފް ޑޮކް އޮފިސަރު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ބޯޓު ފަހަރު ބަނުމުގެ މަސައްކަތްތައްވެސް ކުރިޔަށްގެންދާ ކަމަށާއި މިހާރު ތިލަފުށީގައި ހުރިތަނުގައިވެސް ކޮމާޝަލް ލެވެލްއެއްގައިވެސް ހިދުމަތްތައް ފޯރުކޮށްދެމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިނާން ވިދާޅުވީ ކުޅުއްދުއްފުށީގައި ފުރަތަމަ ފަށައިގަންނާނީ ހަތަރު މުވައްޒަފުން ހިމަނައިގެން ކަމަށާއި ނަމަވެސް މުސްތަގުބަލުގައި އެ އަދަދު އިތުރުވަމުން އަންނާނެ ކަމަށެވެ. އެމްޕީއެލުން ވިސްނަނީ ޑޮކްޔާޑުގެ މަސައްކަތްތަކުން އެމްޕީއެލަށް ފައިދާ އިތުރުކުރާނެ ކަންކަން ކުރިއަށްގެންދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިވަގުތު މަސައްކަތްކުރަމުންދަނީ ބަނދަރު ތެރޭގައި ހުރި ވޯކްޝޮޕެއްގައި، އެހެންނަމަވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެއްކޮށް ވާހަކަ ދައްކަމުން މިދަނީ ކުޅުދުއްފުށީގެ ޑޮކްޔާޑެއް ހެދުމަށް ބިމެއް ހާއްސަކޮށްދޭން،" އިނާން ވިދާޅުވިއެވެ.