މިހާރު އޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރު ދަންމާލުމަށް ސަރުކާރުން ނޫޅޭކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު"ގެ ބަހުސްގައި ވާހަކަދައްކަަވަމުން، އެ ބިލަކީ ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ދަންމާލަން ކުރަން އުޅޭ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަތަކަށް ރައްދުދެއްވަމުންނެވެ.

ފަލާހު ވިދާޅުވީ، ދައުރު ދަންމާލައި ރަސްކަމެއް ކުރާކަށް މި ސަރުކާރުން ނުޅޭ ކަމަށެވެ. އަދި ގާނޫނަށް ގެންނަ ބަދަލުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާއިރު، މަޖިލީހުގެ ދައުރު ވެސް އަދި ރައީސް މުއިއްޒުގެ ރިޔާސީ ދައުރުވެސް ވާނީ ކުރު ކަަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ހުންނެވީ އެ ގުރުބާނީ ވެވަޑައިގަންނަވަން ތައްޔާރަށް ކަަމަށްވެސް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ބިލުގެ މަގުސަދަކީ ރިޔާސީ ދައުރު ދަންމާލުން ނޫން ކަމަށާއި ވެރިކަމުގެ ދައުރު ދަންމާލަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް ބިލުގެ މަގުސަދަކީ ބައެއް ކަންކަމުގައި ރައްޔިތުންނަށް ފެންނަނީ ކިހިނެއްތޯ ބެލުން ކަމަށްވެސް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ދައުރު ދަންމާލުމަށް ރައީސް މުއިއްޒުވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ. ފަލާހު ވިދާޅުވީ ދެ އިންތިހާބު އެކުގައި ބާއްވާއިރު މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރުން ހަ މަސް އުނިވާނެ ކަމަށެވެ.