ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަމުގެ މަގާމަށް މއ. ސިގްމާ/ މުހައްމަދު މުޖުތާޒް، ނައިބު ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ނާސިހު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ރުހުންދީފިއެވެ.

އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވިއެވެ.

ކޮމިޓީގެ މިއަދުގެ މައްދަލުވުމުގައި، އެ ކޮމިޓީގެ މެންބަރު ފުވައްމުލަކު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވީ، އެ ދެބޭފުޅުންނަކީ، ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވިއިރު އެ ބޭފުޅުންގެ މައްސަލަތައް ބަލައި ކޮމިޓީން މީގެކުރިން ރުހުން ދީފައިވާ ބޭފުޅުން ކަަމަށެވެ.

އެހެންކަމުން އިތުރު އިންޓަވިއުއެއް އެބޭފުޅުންނާ ކުރުމަކާ ނުލައި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވިގޮތަށް އެ ދެބޭފުޅުންނަށް ރުހުންދޭން ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމެވެ.

ކޮމޮޓީން އެގޮތަށް ފާސްކޮށް އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ކޮމިޓީން މަޖިލިސް ތަޅުމަށް އެ މައްސަލަ ވަނީ ފޮނުވައިފައެވެ.