މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެނައި އިސްލާހުތަކަކާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމެނޭ، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މި ބިލަކީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލެކެވެ.
އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ވާހަކަ ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ނަމަވެސް މިހާތަނަށް މިކަމަށް ގާނޫނެއް ހަދާފައެއް ނުވެެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަންޖެހޭ އުސޫލުތައް މި ބިލުގައި ވަނީ ހިމަނައިފައެވެ.
ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާއި، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ.
ގައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށްދާން ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދާން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް މި ބިލުގައި ވަނީ ހިމަނައިފައެވެ.
ބިލުގައިވާގޮތުން، ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ މާއްދާތަކާއި، މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ އާއި ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތާއި މަޖިލީހުން ފާާސްކުރާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ އާއި ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާތަކަށް ބަދަލު ގެނެވޭނީ އާއްމު ވޯޓަކުންނެވެ. އަދި ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި ރައްޔިތުންގެ ރުހުން އެ ބިލަށް އޮތްތޯ ބެލުމަށްވެސް ވޯޓަށް އެހޭނެކަން ބިލުގައި ހިމަނާފައިވެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަހުގެ މުއްދަތެއް އޮންނަންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވާ އިރު، ގިނަވަގެން 90 ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން ވަކި ސަރަހައްދެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމާ ގުޅޭ ވޯޓެއް ނަގާނަމަ 45 ދުވަހަށްވުރެ ކުރު މުއްދަތެއްގައިވެސް އެ ވޯޓު ނެގޭނެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމަށް ވަނީ ހިމަނައިފައެވެ.
ބިލުގައިވާގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ފާސްވާނީ، ސައްހަ ވޯޓު 50 އިންސައްތައަށްވުރެ މަތިން ލިބިގެންނެވެ. އަދި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން އިންތިހާބަށް ހަރަދުވާނެ ފައިސާގެ އަދަދު ކަނޑައަޅައި އެކަން މާލީ ވުޒާރާއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ހަމަޖައްސަންޖެހޭނެ ކަމަށްވެސް ވަނީ ހިމަނައިފައެވެ.
އާންމު ވޯޓު ނެގުމަށް މަޖިލީހަށް ފެންނަ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށާއި، ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި ވޯޓު ނަގަން ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށްވެސް ކަނޑައޅާފައިވެއެވެ.
ވޯޓު ނެގުމަށް، މަޖިލީހުން ފާސްކުރާ ގަރާރާއެކު ހިޔާލު ހޯދަން ހުށަހަޅާ ސުވާލާއި، އެ މައްސަަލައާ އެއްކޮށް ހުރި ހުއްޖަތްތަކާ ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް މަޖިލީހުން ފާސްކުރުން، އަދި ވޯޓު ނެގުމަށްޓަކައި ރައީސް ނެރޭ ގަރާރާއެކު ރައްޔިތުންގެ ހިޔާލު ހޯދަން ހުށަހަޅާ ސުވާލާއި، ހިޔާލު ހޯދަން ހުށަހަޅާ ސަބަބާއި އެ މައްސަލަައާ އެއްކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމެނިފައި އޮންނަންވާނެ ކަަމަށް ބިލުގައި ބުނެފައިވެއެވެ.
މަޖިލީހުން މި ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ ތެެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ ބިލު ފާސްނުކުރުމަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް