ރަސްމީ މަސައްކަތުގެ ގަޑީގައި، ރަސްމީ ހެދުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަޑައިގަތުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށް މެންބަރުންނަށް ފުރުސަތު ހުޅުވައިލެއްވުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ ރަސްމީ މަސައްކަތުގެ ގަޑީގައި ކުރިއަށްދާ ކަމެއް ކަމަށެވެ.

އެހެންކަމުން މެންބަރުން މަޖިލީހަށް ވަޑައިގަންނަވާނީ ރަސްމީ ހެދުންކޮޅުގައި ކަމަށާއި ރަސްމީ ހެދުންކޮޅަކީ، ޓައީ ހިމެނޭހެން ރަސްމީ ހެދުންކޮޅުކަންވެސް މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުންގެ ކިބައިން އެގޮތަށް އެދިވަޑައިގަނަވަން ޖެހިވަޑައިގަތީ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބައެއް މެންބަރުން ވަޑައިގެންނެވީ ރަސްމީ ހެދުމުގައި ނޫން ކަމަށްވާތީ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތް ދެމެހެއްޓުމަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެހެންކަމުން ހުރިހާ މެންބަރުން ރަސްމީކޮށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާތަަނަށް މަޖިލީހުގައި އަމަލު ކުރަމުންއަންނަ އުސޫލަކީ އެއީކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.