ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން އިތުރުކުރި އަސާސީ ކާބޯތަކެތީގެ ލިސްޓު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެތަކެތި އެތެރެކޮށް ހޯލްސޭލް ކުރަން އަންގައިފިއެވެ.
މިމަހުގެ ދިހަވަނަ ދުވަހު ކެބިނެޓުން ވަނީ، ކާޑުގެ ބާވަތްތަކާއި ދިހަ ބާވަތެއްގެ މޭވާ އަދި ދިހަ ބާވަތެއްގެ ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފެށުމަށް ނިންމައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކެބިނެޓުގެ އެ ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ދިހަ މޭވާއާއި ދިހަ ތަރުކާރީގެ ލިސްޓު އާންމުކޮށްފައެވެ.
އެ ލިސްޓުގައި ހިމެނޭ ތަރުކާރީތަކަކީ ރަތް ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖު، ބަރަބޯ، އަދި ބޯވެލި އެވެ. މޭވާގެ ތެރޭގައި ހިމެނެނީ ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ. އެ ބާވަތްތަކުގެ އިތުރުން ރީނދޫމުގު، ކުކުޅު ބިސް އަދި ކާށިވެސް އެ ލިސްޓުގައި ހިމަނާފައިވެއެވެ.
ކާބޯތަކެތީގެ އަގުތައް މައްޗަށްދާ ނަމަ، އެސްޓީއޯއިން އާންމުކޮށް އެތަކެތި އެތެރެކޮށް އަގު ކޮންޓްރޯލުކުރުމަށް ވިއްކަމުންދެއެވެ.
ފާތިމަތު ލިއުޝާ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ