ރެއާލް މެޑްރިޑްގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު، މި ސީޒަނަށް އޭސީ މިލާނަށް ބަދަލުވި ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ޖެހި ގޯލާއެކު، އެޓީމުން ބޮލޯނިއާ ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ މިލާނުން ބޮލޯނިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ހަނި ގޮތަކަށް މިލާނުން ރޭ ހޯދި މޮޅުގައި، އެޓީމުގެ ކީޕަރު މައިކް މެންޔަންއަށް އަނިޔާވެ، ބަދަލުކުރަން ޖެހިފައިވެއެވެ. އޭގެ އިތުރުން ހޫނު ގަދަވެ، މިލާންގެ ކޯޗު މަސިމިލިއާނޯ އަލެގްރީއަށް ރަތް ކާޑެއްވެސް މެޗުގައި ދައްކާފައިވެއެވެ.
ރޭ ހޯދި މޮޅާއެކު، މިހާތަނަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކު މިލާން ފަސްވަނައިގައި އޮތް އިރު، މެޗުގެ ހަމައެކަނި ގޯލު، އުމުރުން 40 އަހަރުގެ މޮޑްރިޗް ޖަހައިދިނީ ފުރަތަމަ ހާފުގައެވެ.
އަރިމަތިން އެލެކްސިސް ސޭލްސްމައެކާސް ނަގައިދިން ހުރަސް މޮޑްރިޗް ގޯލަށް ފޮނުވާލީ، ރަނގަޅު ވަގުތުގައި އޭރިއާ ތެރެއަށް އަރައި، އެއްފަހަރުންނެވެ.
މެޗުގެ ފުރަތަމަ ވަގުތުން ފެށިގެންވެސް އަވަސް ޓެމްޕޯއެއްގައި ފެނިގެން ގޮސްފައިވާ އިރު، ހަމަލާތައްވެސް ގިނައެވެ. ބޮލޯނިއާގެ ނިކޯލޯ ކަމްބިއާގީ އުފެއްދި ހަމަލާއެއްގައި ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، އެއީ ގޯލެއް ކަމަށް ރެފްރީ ނުބެލީ އޮފްސައިޑްގައި ކުޅުންތެރިޔާ އޮތުމުންނެވެ.
އޭގެ އިތުރުން މިލާންގެ ޕާވިސް އެސްޓުޕީނަން ފޮނުވާލި ބާރު ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.
މެޗުގެ ފަހުކޮޅުގައި މިލާންގެ ސަންތިއާގޯ ގިމެނޭޒްއަށް ލިބުުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާވެސް ކާމިޔާވާ ގޮތް ވެފައި ނުވާ އިރު، މެޗު ނިމުނީ މޮޑްރިޗްގެ ގޯލުން މޮޅުވެގެންނެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ