އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގަތަރުން ގޮވާލައިފިއެވެ.

ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުލްރަހްމާން އަލް ތާނީ ވަނީ ބައިނަލްއަގުވާމީ ގައުމުތަކުން ގުޅިގެން އިޒްރޭލާ ދެކޮޅަށް އެގައުމުން ހިންގަމުންގެންދާ ކުށްތަކުގެ ސަބަބުން ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެެވެ.

އިޒްރޭލުން މިދިޔަ ހަފުތާގައި ގަތަރަށް ހަމަލާ ދިން މައްސަލައިގައި އަރަބި އަދި މުސްލިމް ގައުމުތަކާ އެކު ގަތަރުން އިއްޔެ ބޭއްވި ކުއްލި ސަމިޓުގައި ވާހަކަދައްކަމުން ބޮޑުވަޒީރު ވިދާޅުވީ އެންމެން ގުޅިގެން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ވަގުތު ޖެހިފައިވާ ކަމަށެވެ.

ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ އިޒްރޭލުން އެކުވެރި ފަލަސްތީނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ފަލަސްތީނުގެ ބިންތަކުން މީހުން ހުސްކުރުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވީ އިޒްރޭލުން ކުރާ ކަމަކުން، ގަތަރުން ގާޒާގެ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިޔަކަށް ވެގެން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

އިޒްރޭލުން މިދިޔަ ހަފުތާގައި ވަނީ ގަތަރުގެ އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ހޮޓަލަކަށް ހަމަލާ ދީ ބަޔަކު މަރާލައިފައެވެ. އެހަމަލާ ދީފައިވަނީ ގަތަރުގައި ތިބި ހަމާސްގެ އިސް އޮފިޝަލުންނަށް އަމާޒުކޮށެވެ. ނަމަވެސް އެހަމަލާއިން އެ މީހުން ވަނީ ސަލާމަތްވެފައެވެ.