ނޫސްވެރިންނަށް ހާއްސަކޮށްގެން އުފެއްދި "މީޑިއާ ފެންޑާ"، އުސޫލާ ހިލާފަށް ބޭނުންކުރަމުންދާ ކަމަށްބުނެ، ރައީސް އޮފީހުން އެތަން އުވާލައިފިއެވެ.

ރައީސް އޮފީސް ކުރިމަތީގައި ހަދާފައި ހުންނަ މީޑިއާ ފެންޑާ އަކީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ހާއްސަކޮށްގެން ރައީސް އޮފީހުގެ ބައެއް ގޮތުގައި، މިދިޔަ މެއި މަހުގެ 29 ގައި ގާއިމުކޮށްފައިވާ ތަނެކެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މީޑިއާ ފެންޑާ ބޭނުންކުރުމުގައި އަމަލުކުރަންވީ އުސޫލު، އެ ތާރީހުގައި، ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުކުރުމުގެ ރަސްމީ ހުއްދަވެސް ދޫކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިއުމުގެ ސަބަބުން، އެ ތަނުގައި ތިބެ ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އަދި ގްރީންޒޯންގައި ހުންނަ މި ތަނުގައި އާއްމު މަސްލަހަތު ގެއްލޭ، އަދި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ..،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނީ ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތްކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ގާނޫނީ ކުށެއް ކަމަށެވެ.

އެހެންކަމުން، މީޑިއާ ފެންޑާ އުފެއްދި ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ ތިން މަހެއްހާ ދުވަހުވެސް ހިފަމުން ނުގެންދާތީ، އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދިނުމަށްޓަކައި، މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މީޑިއާ ފެންޑާ އުވާލާފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލާ ދެކޮޅަށް މީޑިއާ ފެންޑާގައި ނޫސްވެރިން ތިބެ މުޒާހަރާތަކެއް ކުރަން ފަށާފައިވަނިކޮށެވެ.